ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އެ ގައުމުގެ މާދަރީބަސް ކަމަށްވާ "ބެންގާލީ" އިން ހިންގުމަށް އިލްމުވެރިންގެ ޕޫލެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެފަދަ ޕޫލެއްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި އިލްމުވެރިން އެކަން މާޗު 25, ގެ މެންދުރު 02:00 ގެ ކުރިން އެންގުމަށް އެދިފަ އެވެ.
ޝައުގުވެރިކަން ފާޅުކުރާ އިލްމުވެރިންގެ ކިބައިގައި ސުންނީ މުސްލިމަކަށްވުމާއި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމުގެ ޝަރުތު ފުރިހަމަވާން ޖެހެ އެވެ. އޭގެ އިތުރުން, ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވުން ހިމެނެ އެވެ.
މި ޕޫލުގައި ބައިވެރިވާ އިލްމުވެރިން ބެންގާލީ ބަހުން ދޭ ކޮންމެ ދަރުހަކަށް 500ރ. އަދި ބެންގާލީ ބަހަށް ޓްރާންސްލޭޓްކޮށްދޭ ކޮންމެ ދަރުހަކަށް 1000ރ. ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ. ނަމަވެސް, މި ސަރުކާރުން އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމަށް ރިއާޔަތްކޮށް އެންމެފަހުން ހާމަކުރި އަދަދަކީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިންނެވެ.













