ދިވެހިރާއްޖެ އާއި އިންޑިއާގެ އިސް އޮފިޝަލުން ކުރިއަށް ގެންދާ ޑިޕްލޮމެޓިކް ވާހަކަތަކުގެ ތިން ވަނަ ބައްދަލުވުން މިއަދު ވެރި ރަށް މާލޭގައި ބާއްވައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއަދުގެ ބައްދަލުވުމުގައި، ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލައި އެ މަސައްކަތަށް އިންޑިއާގެ ޓެކްނިކަލް މީހުން ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.
އޭގެ އިތުރުން ވެސް ވަރަށް ގިނަ މައުލޫއަށް އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށް އިންޑިއާއިން ބުނެ އެވެ. އެގޮތުން، ދެ ގައުމުގެ ދޭތެރޭގައި ގުޅުން ބަދަހި ކުރުމަށާއި އިންޑިއާގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް އިންޑިއާއިން ބުންޏެވެ.
އެ މަޝްވަރާތަކުގެ ހަތަރު ވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގެ ވެރި ރަށް ދިއްލީގަ އެވެ.
އެ މަޝްވަރާ ބައްދަލުވުންތައް ފެށީ އިންޑިއާގެ ސިފައިން ފޮނުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ސަރުކާރަށް އެންގުމުންނެވެ. އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ ޓެކްނިކަލް މީހުން ގެންނަން ނިންމީ ބައެއް މަޝްވަރާތަކަށްފަހެވެ.

އެއްބަސްވުމާ އެއްގޮތަށް، އިންޑިއާއިން ސ. ގަމުގައި އޮޕަރޭޓު ކުރާ ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާގެ 26 ސިފައިން މިހާރު ވަނީ ފުރައިފަ އެވެ. އޭގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ހަމަ އެ އަދަދަށް ޓެކްނިކަލް މީހުން ވަނީ އައިސްފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ބަދަލުގައި ސަރުކާރުން އަންނަނީ ޗައިނާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ޖެނުއަރީ މަހު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި އެ ގައުމާއެކު 20 އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
އޭގެ އިތުރުން ސަރުކާރުން ވަނީ ދާދިފަހުން ޗައިނާއާއެކު ޑިފެންސް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އޭގެ ދަށުން ޗައިނާއިން ރާއްޖެއަށް ނަން-ލީތަލް ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"އެއީ ހިލޭ އެހީގެ ދަށުން ސިފައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ދިނުމާ އަދި ނޮން ލީތަލް، ލީތަލް ނޫން އެކި ކަހަލަ އާލާތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް،" މާޗް 5، ގައި ރައީސް ވިދާޅުވި އެވެ.













