އަންނަ އޭޕްރިލް 21، ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީރެޖިސްޓާކުރީ 10،028 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރީރެޖިސްޓާ ކުރުމުގެ ސުންގަޑި އިއްޔެ 3:00 އަށް ހަމަވިއިރު، ލިބުނު 11،169 ފޯމުގެ ތެރެއިން ސައްހަ ކަމަށް ކަނޑައެޅީ 10،028 ފޯމެވެ. 1141 ފޯމެއް ބާތިލުވި އެވެ.
މަޖިލިސް އިންތިހާބުގައި ރާއްޖޭން ބޭރު ގައުމުތަކާއި ސިނާއީ ރަށްތަކާއި ރިސޯޓުތައް ވޯޓުލާން ރީރެޖިސްޓާ ކުރަން ޖެހޭނެ އެވެ. އޭގެ އިތުރަށް ރީރެޖިސްޓާކުރަން ޖެހޭނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާފައިވާ ރަށް ނޫން އެހެން ތަނެއްގައި މި ފަހަރު ވޯޓުލާން ބޭނުންވާ ފަރާތްތަކެވެ.
"ރީރެޖިސްޓްރީކުރި މީހުންގެ އަދަދު ނިސްބަތުން މަދެއް ނޫން،" އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.
މިފަހަރުގެ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގަ އެވެ. އެއީ މެލޭޝިއާ، އިންޑިއާ އަދި ސްރީލަންކާ އެވެ. އިނގިރިލޭސި ވިލާތާއި ޔޫއޭއީ އަދި ތައިލޭންޑުގައި ވޯޓު ފޮށި ނުބަހައްޓަނީ ރީރެޖިސްޓާކުރި މީހުންގެ މަދުވުމުންނެވެ.

ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަނުން ނިންމާފައި ވަނީ 150 އަށްވުރެ ގިނަ މީހުން ރީރެޖިސްޓްރީ ކުރުމުންނެވެ.
ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރީރެޖިސްޓާކުރި މީހުންގެ އަދަދު
- މެލޭޝިއާ - 702
- ސްރީލަންކާ - 304
- އިންޑިއާ/ޓްރިވެންޑްރަމް - 159
- އިނގިރޭސި ވިލާތް - 124
- ޔޫއޭއީ - 31
- ތައިލޭންޑު - 16
އަންނަން އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފުރަތަމަ ތާވަލުކުރީ މާޗު 17 އަށެވެ. ނަމަވެސް، އެއްވެސް އިންތިހާބެއް ރޯދައިގެ ތެރޭގައި ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބާއްވާނެ އާ ތާރީހެއް ކަނޑައަޅާފަ އެވެ.
މިފަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.
މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އެއްވެސް ޕާޓީއަކުން ވާދައެއް ނުކުރެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވާ އެމްޑީޕީގެ ޓިކެޓު ދީފައި ވަނީ 90 ކެންޑިޑޭޓަކަށެވެ. ސަރުކާރު ހިންގާ ޕީއެންސީން މަޖިލިސް އިންތިހާބަށް ނެރެފައި ވަނީ 89 ކެންޑިޑޭޓުންނެވެ.












