އަންނަ އޭޕްރިލް 21، ގައި އޮންނަ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ މީހުން ރީރެޖިސްޓާ ކުރުމުގެ ފުރުސަތު މިއަދު ހަމަވާއިރު، ތަރުހީބު ވަރަށް ކުޑަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރީރެޖިސްޓާ ކުރުމުގެ ސުންގަޑި އަކީ މިއަދު 3:00 އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ތަރުހީބު ދަށް ކަމަށާއި އިއްޔެގެ ނިޔަލަށް 8،148 ފޯމު ހުށަހެޅިއިރު، ސަހައްކަން ބަލައި ރީރެޖިސްޓާކޮށްފައި ވަނީ 7270 މީހުން ކަމަށެވެ. އަދި 878 ފޯމެއް ވަނީ ރިޖެކްޓުކޮށްފަ އެވެ.
އަންނަން އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފުރަތަމަ ތާވަލުކުރީ މާޗު 17 އަށެވެ. ނަމަވެސް، އެއްވެސް އިންތިހާބެއް ރޯދައިގެ ތެރޭގައި ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބާއްވާނެ އާ ތާރީހެއް ކަނޑައަޅާފަ އެވެ.
އެ އިސްލާހު ގެނައުމުގެ ކުރިން ރީރެޖިސްޓްރޭޝަންއަށް ހުޅުވައިލި ފުރުސަތުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް ރީރެޖިސްޓާ ކުރީ ހަމައެކަނި ސްރީލަންކާ އާއި މެލޭޝިޔާ އިންނެވެ. ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަނުން ނިންމާފައި ވަނީ 150 އަށްވުރެ ގިނަ މީހުން ރީރެޖިސްޓްރީ ކޮށްފައިވާ ގައުމުތަކުގައި އެކަންޏެވެ.

މިފަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.
މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އެއްވެސް ޕާޓީއަކުން ވާދައެއް ނުކުރެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވާ އެމްޑީޕީގެ ޓިކެޓު ދީފައި ވަނީ 90 ކެންޑިޑޭޓަކަށެވެ. ސަރުކާރު ހިންގާ ޕީއެންސީން މަޖިލިސް އިންތިހާބަށް ނެރެފައި ވަނީ 89 ކެންޑިޑޭޓުންނެވެ.












