ކުޑަކުދިންގެ އޮރިޔާން ފޮޓޮ އާއި ވީޑިއޯ ޑައުންލޯޑު ކުރާ ދިވެހިންގެ ލިސްޓެއް ލިބިފައިވާ ކަމަށާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ސޮފްވަތު ރައޫފް ވިދާޅުވީ އެ ލިސްޓު ދިވެހި ފުލުހުންނާ ހިއްސާކޮށްފައި ވަނީ އެފަދަ ކަންކަން ބަލައި މޮނިޓާ ކުރާ ބޭރުގެ އޭޖެންސީތަކުން ކަމަށެވެ.
"ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ވީޑިއޯ ސޯޝަލް މީޑީއާގެ އެކި ވަސީލަތްތަކުން ޑައުންލޯޑު ކުރާ ފަރާތްތަކުގެ މައުލޫމާތު އެފަދަ ކަންކަން މޮނިޓާކޮށް ބަލަހައްޓާ ބޭރުގެ ލޯ އެންފޯސްމެންޓު އޭޖެންސީތަކުގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާ ކުރުމާ ގުޅިގެން އަޅުގަނޑުމެން މިހާރު ވާނީ މައްސަލައިގެ ތަހުގީގު ފަށައިފަ،" ސޮފްވަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ތެރެއިން އެއް މައްސަލަ މިހާރު ތަހުގީގު މަރުހަލާ ނިންމައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެފަދަ ދެވަނަ މައްސަލައެއްގެ ތަހުގީގު މިވަގުތު ވެސް ކުރިއަށްދާ ކަމަށެވެ.
"ސޯޝަލްމީޑިއާގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ނިސްބަތްވާ އައިޑީތަކާއި މޯބައިލް ނަންބަރުތައް ހިމެނޭގޮތުން މިގޮތަށް މި ޑައުންލޯޑު ކުރާ ކުޑަކުދިންގެ ފޮޓޯ ވީޑިއޯތަކުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަމުން މިދަނީ،" ސޮފްވަތު ވިދާޅުވި އެވެ.

ބަރަހަނާ މަންޒަރުތަކާ ގުޅޭ ވީޑިއޯ ފޯޓޮއާއި އެފަދަ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރުން ފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.
"އެ ގާބިލުކަން އިތުރު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ މިދާއިރާގެ ފުލުހުން ތަމްރީނު ކުރުމުގެ މަސައްކަތްތަކެއް ވެސް މިއަހަރުގެ ތެރޭގައި ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދެވިފައި ވަނީ،" ސޮފްވަތު ވިދާޅުވި އެވެ.
ސޮފްވަތު ވިދާޅުވީ ކައިވެނި ކޮށްގެންނާއި ރައްޓެހިވެގެން އުޅޭއިރުގައި ނަގާފައި ހުންނަ ފޮޓޯ ނުވަތަ ވީޑިއޯއާއި ސޯޝަލްމީޑިއާ މެދުވެރިކޮށް ކުރާ ވީޑިއޯ ކޯލްތަކުން ލީކުވާ ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެއިކްމެއިލް ކުރާ މައްސަލަތައް ހުށަހެޅޭ ކަމަށެވެ.
ނަމަވެސް މިފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް ދައުވަތު ދީގެން ގެސްޓު ހައުސްތަކަށް ގެންގޮސްގެން މީހުން ރޭޕު ކުރުމާއި ގަދަކަމުން ބަރަހަނާ ފޮޓޯ ނަގައި ބްލެއިކްމެއިލް ކުރުމުގެ މައްސަލަތަކެއް ހުށަހަޅަމުންދާ ކަަމަށް ސޮފްވަތު ވިދާޅުވި އެވެ. އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ސޮފްވަތު ވިދާޅުވި އެވެ.













