އަންނަ އޭޕްރީލް 21، ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތާހަބަށް ވޯޓުލާ މަރުކަޒު ބަދަލުކުރުމަށް ރީ-ރަޖިސްޓާ ކުރުމަށް އާދިއްތަ ދުވަހު ހުޅުވާލި ފުރުސަތުގައި ރާއްޖެއިން ބޭރުގެ ގައުމުތަކަށް މިހާތަނަށް ރީ-ރަޖިސްޓާ ކުރީ 739 މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދުގެ 13:30 އާ ހަމައަށް އެންމެ ގިނަ އަދަދެއްގެ މީހުން ރަޖިސްޓާ ކޮށްފައިވަނީ މެލޭޝިއާގައި ބަހައްޓާ ފޮށްޓަށެވެ.
ރީ-ރަޖިސްޓާ ކުރި އަދަދުތައް
- އިންޑިއާގެ ޓްރިވެންޑްރަމް - 39 މީހުން
- މެލޭޝިއާގެ ކުއަލަލަމްޕޫރު - 420 މީހުން
- ސްރީލަންކާގެ ކޮލަމްބޯ - 227 މީހުން
- ތައިލެންޑުގެ ބެންކޮކް - އަށް މީހުން
- އިނގިރޭސިވިލާތުގެ ލަންޑަން - 37 މީހުން
- އެކުވެރި އަރަބި އިމާރާތުގެ އަބޫ ދާބީ - އަށް މީހުން
ކުރިއަށް އޮތް މާޗު 16، ގެ ނިޔަލަށް ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އީސީން އެޕްރިލް 21، ވާ އާދީއްތަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، އިންތިހާބު އިތުރަށް ލަސްކޮށްގެން އާ މަޖިލިސް އިންތިހާބު ނުކުރެވޭނެތީ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި އެ ކޮމިޝަނުން ވަނީ އޭޕްރީލް 21، އަދި 22 ބަންދުކޮށްދިނުމަށް އެދިފަ އެވެ.
އީސީން އާންމުކޮށް ބޮޑެތި އިންތިހާބުތައް ބާއްވަނީ ބަންދު ދުވަސްތަކުގަ އެވެ. ނަމަވެސް މަޖިލިސް އިންތިހާބު އާދީއްތަ ދުވަހެއްގައި ބާއްވަން ނިންމީ އިތުރު ގޮތެއް ނެތިގެން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.













