އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަނިކޮށް, ޖުމްލަ 10 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އައްޑޫގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ބުރާސްފަތި ދުވަހު ހިތަދުއާއި މަރަދޫގައި އޮޕަރޭޝަންތަކެއް ހިންގައި, ކޮންމެ ރަށަކުން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހިތަދޫގައި ހިންގި އޮޕަރޭޝަނުގައި އެރަށު ގެއެއް ބަލާފާސްކޮށް ހައްޔަރުކުރީ ދެ ދިވެހި ފިރިހެނުންނާއި ތިން ތައިލެންޑު އަންހެނުންނެވެ.
މަރަދޫގައި ހިންގި އޮޕަރޭޝަނުގައި އެރަށުގައި ސްޕާއެއް ގޮތަށް ހިންގަމުން ދިޔަ ތަނެއް ބަލާފާސްކޮށް, ދެ ތައިލެންޑް އަންހެނުންނާއި ތިން ފިރިހެނުން ހައްޔަރުކުރި އެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާ އަދި މިއަންމާ މީހެކެވެ.
ހިތަދޫން ހައްޔަރުކުރި މީހުންގެ ބަންދު ޖެހުމަށް އިއްޔެ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް ޖެހީ 14 ދުވަހުގެ މުއްދަތެކެވެ.

މަރަދޫން ހައްޔަރު ކުރި މީހުންގެ ބަންދު ޖެހުމަށް އިއްޔެ މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިއަންމާ ފިރިހެން މީހާގެ ބަންދަށް ހަތަރު ދުވަސް އަދި, ދެން ތިބި ހަތަރު މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ދަނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެެވެ.












