ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ނުފަށާނެ ކަމަށާއި އެފަދަ އުޅަނދުތަކަށް އަޅަން ނިންމާފައިވާ ނިންމުމަކީ ޓޯ ކުރުން ކަމަށް ބުނެ ފުލުހުންގެ ބަޔާން އިތުރަށް ތަފުސީލު ކޮށްދިނެވެ.
ފުލުހުން މިގޮތަށް ބުނީ ކުރިން ނެރުނު ބަޔާނާ ހަވާލާދީ ހަބަރުތައް ގެނެސްދިން ގޮތުން އޮޅުން އަރާ ކަމަށެވެ.
"ނޫސްބަޔާނުގައި އިޝާރާތް ކުރާ މާއްދާތަކަކީ ޓޯ ކުރުމުގެ މާއްދާއާއި ޕާކިން ވަޔަލޭޝަން ސްޓީކާ ޖަހާ ހަލަތްތައް ފިޔަވައި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ މާއްދާ އެވެ." މީޑިއާތަކަން ފަހުން ފުލުހުން ފޮނުވި ކުރު ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ރޭ އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ އަންނަ ބުރާސްފަތު ދުވަހުން ފެށިގެން ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ނ. އާއި އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ. ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ވަޔަލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން އުޅަނދުގެ ވެރިފަރާތުގެ ލައިސަންސުން ޕޮއިންޓު ކެނޑުމުގެ ބާރު، ޓްރާންސްޕޯޓު މިނިސްޓަރީއަށް ނުވަތަ އެ މިނިސްޓަރީން ކަނޑައަޅާ ފަރާތަކަށް ލިބޭ ކަމަށެވެ.

އޭގެއިތުރުން ނުގަވާއިދުން ޕާކު ކޮށްފައި ހުންނަ އުޅަނދުފަހަރު ޓޯ ކުރުމުގެ ބާރު ވެސް އެ ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވެ އެވެ.
އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައި ވަނީ ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތް ފިޔަވައި، ނުގަވާއިދުން ޕާކު ކުރާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. މި މާއްދާ ތަންފީޒުނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ބަޔާނުގައި ދީފައިވެ އެވެ.
ނުގަވާއިދުން ޕާކު ކުރާ އުޅަނދުތައް އަންނަ ހަފުތާއިން ފެށިގެން ޖޫރިމަނާ ކުރަން ފަށަން ނިންމާފައިވާކަން ފުލުހުން އިއުލާނުކުރިއިރު، ޕާކު ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ ޕާކު ކުރާނެ ޖާގަ ނުދައްކައި ކުރީ ސަރުކާރުން ޖޫރިމަނާ ކޮށްފައި ވާތީ އެ ސަރުކާރަށް ފާޑު ވެސް ވިދާޅުވެފަ އެވެ.












