މީގެ ދޮޅު އަހަރު ކުރިން ސެޕްޓެމްބަރު، 2022، ގައި ހުށަހެޅި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެއްބަސްވުމެއް ހަދައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ އެއީ "ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއް އިންވޯލްވާ މައްސަލައެއް" ނަމަވެސް މިވަގުތު އެއްވެސް މީހެއްގެ ނަން ހާމަ ކުރެވެން ނެތް ކަމަށެވެ.
ފުލުހުން ބުނީ އާރްޑީސީގެ އެކައުންޓުން އެތަނުގެ މުވައްޒަފުންގެ އެކައުންޓުތަކަކަށް ފައިސާ ފޮނުވާފައި ހުރިކަން އެނގުނު ނަމަވެސް އެ ޓްރާންސެކްޝަންތައް އެއީ ކިހިނެއް ހިނގާފައިވާ ޓްރާންސެކްޝަންތަކެއް ނޭނގޭ ކަމަށެވެ.
"މިހާތަނަށް ފާހަގަވެފައި ވަނީ ދައުލަތުގެ ފައިސާ ރޯލް ކުރަންވާ ގޮތަށް ނުވަތަ ދައުލަތުގެ ފައިސާ ބޭނުން ކުރަންވާ އެންމެ އާދައިގެ މިންގަނޑާ ވެސް ހިލާފަށް އާރްޑީސީގެ ފައިސާ ބޭނުންކޮށްފައި ވަނީ،" ނާފިޒު ވިދާޅުވި އެވެ.
އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ޓްރާންސެކްޝަންތަކުގެ ހަގީގަތް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ނޮވެމްބަރު، 2023، ގައި ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ އުނދަގޫ މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.













