އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދެނީ އެޕްރިލް 21، އަދި 22 ބަންދުކޮށްދޭން ކަމަށް އެ ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބު އަންނަ މަހުގެ 21، އަށް މިހާރު ތާވަލު ކުރުމާ ގުޅޭ ގޮތުން ހަބީބު "އަދަދު" އަށް ވިދާޅުވީ އިންތިހާބު އޮންނަ ދުވަހުގެ އިތުރުން އޭގެ އަނެއް ދުވަސް ސަރުކާރު ބަންދު ކޮށްދިނުމަށް އެދޭ ކަމަށެވެ.
އީސީން އެޕްރިލް 21، ވާ އާދީއްތަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، އިންތިހާބު އިތުރަށް ލަސްކޮށްގެން އާ މަޖިލިސް އިންތިހާބު ނުކުރެވޭނެތީ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އީސީން އާންމުކޮށް ބޮޑެތި އިންތިހާބުތައް ބާއްވަނީ ބަންދު ދުވަސްތަކުގަ އެވެ. ނަމަވެސް މަޖިލިސް އިންތިހާބު އާދީއްތަ ދުވަހެއްގައި ބާއްވަން ނިންމީ އިތުރު ގޮތެއް ނެތިގެން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އާ ގާނޫނުގެ ދަށުން އިންތިހާބުތައް ބޭއްވޭނީ ރޯދަ މަހުގެ ފަހު 10 ގެ ފަހުން ކަމަށްވާއިރު، އިންތިހާބުތައް ދެން ބޭއްވޭނީ ރޯދަ މަހުގެ ފަހު 10 ނިންމުމަށްފަހު އެވެ.

މިހާތަނަށް މަޖިލިސް އިންތިހާބު އޮންނަ ދުވަސް އަދި އެ ދުވަހާ ޖެހިގެން އޮންނަ ދުވަސް ބަންދު ކުރުމަށް ސަރުކާރުން ނިންމާފައެއް ނުވެ އެވެ.












