ހުލާސާކޮށް އިއްޔެ: އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުން

Mar 2, 2024, 2:59 AM
އެއާ އެމްބިއުލާންސްއިން ރޭ ކުރި ދަތުރަކަށް މީހުން އަރަނީ. -- ފޮޓޯ: މޯލްޑިވިއަން

އެއާ އެމްބިއުލާންސްއިން ރޭ ކުރި ދަތުރަކަށް މީހުން އަރަނީ. -- ފޮޓޯ: މޯލްޑިވިއަން

ސިއްހީ އެމާޖެންސީގެ ހާލަތްތަކުގައި ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް އިއްޔެ ފެށި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ އިއްޔެ ހަވީރު 4:00 ޖެހިއިރެވެ. އެ ހިދުމަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސްގެ ތެރެއިން ހެލްތު މިނިސްޓްރީ އާއި އައިލެންޑު އޭވިއޭޝަން ގުޅިގެންނެވެ. އެ ހިދުމަތް މި ހިނދުން ފެށިގެން 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރީން ބުނެ އެވެ.

އެ ހިދުމަތް ރާއްޖޭގައި ފެށުމުން ހޮސްޕިޓަލަށް ބަލިމީހާ ގެންދިޔުމުގެ ކުރިން ދޭންޖެހޭ ފަރުވާ ދިނުމާއި ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެމަނިކުފާނުގެ އެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު 1 ގައި ފެށުމަށް ހަމަޖެއްސިކަން އިއުލާނު ކުރީ ޑިސެމްބަރު 25، ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓު އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

އެއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ ޖެނުއަރީ 13، ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެކަމުގެ ޔަގީންކަން ދެއްވައި ވިދާޅުވީ ތައިލޭންޑާ ހަމައަށް ވެސް ބަލިމީހުން އުފުލަން ޖެހިއްޖެ ނަމަ އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލާނެ ކަމަށެވެ.

އެ ވައުދާ އެއްގޮތަށް އެ ހިދުމަތް ފެށިގެން ދިޔައިރު، އެއާ އެމްބިއުލޭންސްގެ ސީދާ ދަތުރުތައް ހަމައެކަނި ކުރާ ދެ ގައުމުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިންޑިއާ އާއި ސްރީލަންކާ ކަމަށް ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލް ވިދާޅުވި އެވެ. ތައިލޭންޑާ ހަމައަށް ބަލިމީހުން އުފުލޭނީ އިތުރު ތަނަކަށް ބަދަރު ކުރުމަށްފަހު ކަމަށް ވެސް ހަލީލް އިއްޔެ ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ސީޕްލޭންއަކާއި ޑޭޝް-8 މަރުކާރުގެ މަތިންދާ ބޯޓެކެވެ. ރާއްޖޭގެ އެތެރޭގައި ބަލި މީހުން އުފުލުމަށް ބޭނުން ކުރާނީ ސީޕްލޭން އެވެ. މަތިންދާ ބޯޓު ބޭނުން ކުރާނީ ރާއްޖެއިން ބޭރަށް ބަލި މީހަކު އުފުލަންޖެހޭ ހާލަތުގަ އެވެ.

އެ ދެ ބޯޓު ވެސް ތައްޔާރު ކޮށްފައި ވަނީ އަވަސް ސިއްހީ ހިދުމަތް ދެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު އެވެ. އެގޮތުން އެ ބޯޓުތަކުގައި އޮކްސިޖަނާއި ވެންޓީލޭޓަރުގެ އިތުރުން ހިތް ހުއްޓިއްޖެ ހާލަތުގައި ބޭނުން ކުރާނެ އާލާތްތަކާއި އެމަޖެންސީގައި ބޭނުން ކުރާ އިންޖެކްޝަންތައް ވެސް ހުންނާނެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox