ދިވެހިން އިސްލާމީ އަގީދާއިން ބޭރުކޮށް، ކާފަރު ކުރަން އުޅޭ ޖަމިއްޔާތައް ވަރަށް ގިނަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ދިވެހިން ކާފަރު ކުރުމަށް ވަރަށް ގިނަ ޖަމާއަތް، ޖަމިއްޔާތަކުން މަސައްކަތް ކުރާކަން ފާހަގަކޮށް ހުތުބާގައި ބުނީ އެފަދަ ނުބައި ރޭވުންތަކުން ސަލާމަތްވާން އެކަތިގަނޑަކަށްވާންޖެހޭ ކަމަށެވެ.
"ދިވެހިރާއްޖޭގެ ބިމަކީ ބަރަކާތްތެރި ފަސްގަނޑެއް. މާތް ﷲ ވަނީ މި ފަސްގަނޑު ސައްތައިން ސައްތަ އިސްލާމީ ފަސްގަނޑެއް ކަމުގައި ލައްވާފައި. މި ވަތަން މި އަގީދާއިން ބޭރަށްލެވޭތޯ މަސައްކަތް ކުރާ ޖަމާއަތްތަކާއި ޖަމިއްޔާތައް ވަރަށް ގިނަ،" ހުތުބާގައި ބުންޏެވެ. "މިފަދަ ނުބައި ރޭވުންތަކުން މި ވަތަން ސަލާމަތް ކުރުމަށްޓަކައި އަހަރުމެން އެކަތިގަނޑަކަށްވާން އެބަ ޖެހޭ."
އޭގެ އިތުރުން މިއަދުގެ ހުތުބާގައި ބުނީ ވަތަން ދެކެ ލޯބިވުން އިސްލާމް ދީނުގައި ވާޖިބު ކަމަށެވެ. ވަތަން ދެކެ ލޯބިވުން ވާޖިބުކަން އެނގެނީ ރަސޫލާ ސއވ. ދެއްކެވި މިސާލުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.
ވަތަނަށްޓަކައި ކޮންމެ މީހަކު އަދާ ކުރަންޖެހޭ ވާޖިބުތަކެއް ވެސް ހުންނަ ކަމަށް ހުތުބާގައި ބުންނެވެ. ގައުމު ބިނާކުރުމުގައި ބައިވެރިވުމަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށް ހުތުބާގައި ބުންޏެވެ.












