ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ރޭ ކަނޑައެޅި އެވެ.
އެ ކޮމިޝަނުން މި ތާރީހު ކަނޑަ އެޅީ ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނައި ބަދަލުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމުންނެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ކުރިން ކަނޑައަޅާފައި އޮތީ މާޗު 17 އެވެ.
އާ ތާރީހާއެކު ވޯޓާސް ލިސްޓާއި ރީރެޖިސްޓްރޭޝަން އާއި އިދާރީ ބައެއް ކަންކަން އަލުން ކުރަން ޖެހޭނެ އެވެ. އެފަދަ ކަންކަމަށް ކަނޑައަޅާ ތާރީހުތައް އިއުލާނު ކުރާނެ އެވެ.
މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 386 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން، އަދި ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުންނާއި 216 ފިރިހެނުންނާއެކު، ޖުމުލަ 238 ކެންޑިޑޭޓުންނެވެ.

އެއްވެސް ޕާޓީއަކުން 93 ދާއިރާއަށް ކެންޑިޑޭޓުން ނެރެފައެއް ނެތެވެ. 90 ދާއިރާއަކާއެކު އެންމެ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ޓިކެޓުގައި ނެރެފައި ވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރަނީ 89 ކެންޑިޑޭޓުންނެވެ.
ރޯދަ މަހު އިންތިހާބު ނުބާއްވާ ގޮތަށް ފުރަތަމަ ފާސްކުރި ބިލް ރައީސް މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވި ނަމަވެސް އެއްވެސް އިސްލާހެއް ނުގެނެސް އެ ބިލް އިއްޔެ ފާސްކުރި އެވެ.
އެ ގޮތަށް ބިލެއް ފާސްކުރުމުން ތަސްދީގުކުރަން މަޖުބޫރުވެ އެވެ. ނަމަވެސް، ބިލް ތަސްދީގުކުރުން ލަސްކުރެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ ބިލް ތަސްދީގު ކުރެއްވުމާމެދު ބަންޑާރަ ނައިބުގެ ލަފައެއް ހޯއްދަވާ ކަމަށެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އޭނާ ލަފާ ދެއްވުމުގައިބައްލަވާނީ ދައުލަތުގެ ބާރުތަކުގެ މެދުގައި އަރައިރުންނުވާނެ ގޮތަކަށް ކަމަށެވެ.
އިޝާރާތް އެ ކުރެއްވީ ދެ ވަނަ ފަހަރަށް ފާސްކުރާ ބިލެއް ތަސްދީގު ކުރަން ލާޒިމްވާ ގޮތަށް ގާނޫނު އަސާސީގައި އޮތުމުން، އެފަދަ ހާލަތެއްގައި ތަސްދީގު ނުކުރައްވައިފި ނަމަ އުފެދޭނެ މައްސަލަތަކަށެވެ.
ބަންޑާރަ ނައިބުގެ ލަފައަށް ފަހު ބިލް ތަސްދީގު ކުރެއްވިކަން ރައީސް އޮފީހުން އިއުލާނު ކުރެއްވީ ރޭ އިރައިކޮޅު އެވެ.
އެ ބިލް ތަސްދީގު ކުރުން ލަސްކުރެއްވުމުން ސިޔާސީ ޕާޓީތަކާއި ގާނޫނީ ވަކީލުން ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ މަނިކުފާނު ގާނޫނުއަސާސީއާ ހިލާފު ވެއްޖެ ކަމަށް ތުހުމަތު ކުރެއްވި އެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ. އަދި މިފަދަ ބިލެއް ތަސްދީގުކުރުން ލަސްކުރުން މަނާކުރާ ސުޕްރީމް ކޯޓުގެ ހުކުމެއް ވެސް އެބަ އޮތެވެ.













