ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމުގެ ބިލް ތަސްދީގުކުރުން ލާޒިމުވާ ގޮތަށް ފާސްކޮށްފައި ވާއިރު، އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވާން އަންގައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މާޗު 4 ވަނަ ދުވަހު 11 ޖަހާއިރު ކޮމިޓީ އަށް ހާޒިރު ވުމަށް އެދި މިއަދު ސިޓީ ފޮނުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް މަޖިލީހުން ފާސް ކުރި ބިލު، ދެ ވަނަ ފަހަރަށް ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް އެ ބިލް ތަސްދީގު ނުކުރައްވާ އޮއްވަ އެވެ.
ރޯދަ މަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.
އެ ބިލު ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ މެޖޯރިޓީއިން ފާސްކުރީ އިއްޔެ އެވެ. ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާގޮތުން ދެވަނަ ފަހަރަށް ފާސްކުރާ ބިލެއް ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް އެ ބިލު ތަސްދީގުކުރައްވާފައެއް ނުވެ އެވެ. މިއަދު ނ. އަތޮޅުގައި ހުންނަވާ ރައީސް ވަނީ އެ ބިލު ތަސްދީގު ކުރުމުގެ ބަދަލުގައި އެ ބިލާ ގުޅޭގޮތުން ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ލަފާ ހޯއްދެވުމަށް ނިންމާފައިވާ ކަމަށެވެ.

"80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނޭ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފަޔަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި," ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.
ރޯދަމަހުގެ ފަހަށް އިންތިހާބު ލަސްކުރަން ޖެހޭގޮތަށް ގާނޫނަށް ބަދަލު ގެނެސްފި ނަމަ އެކަމަށް ތައްޔާރަށް ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބިލުގެ ކޮމެޓީ މަރުހަލާގައި މީގެ ކުރިން ބުނެފައިވެ އެވެ. އަދި އިންތިހާބު ލަސްކޮށްފި ނަމަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ވެސް އެ ކޮމިޝަނުން ލަފާކޮށްފައިވެ އެވެ.
ބިލު ފާސްކުރުމުގެ ކުރިން މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ.













