ރޯދަމަހު އިންތިހާބު ބާއްވަން ސަރުކާރުން ބޭނުންވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެކަމުގައި ސަރުކާރާ ގުޅިގެން މަަސައްކަތްކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ތުހުމަތުކުރައްވައިފި އެވެ.
ރޯދަމަހު އިންތިހާބުތައް ނުބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރަން ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ އިލެކްޝަންސްގެ ނަޒާހަތްތެރިކަމާ މެދު މިހާރު ސުވާލުއުފެދިފައިވާ ކަމަށެވެ.
"ސުވާލު އުފެދޭ އިލެކްޝަންސް ކޮމިޝަނުގެ ނަޒާހަތްތެރިކަމާ މެދު، މިނިވަންކަމާ މެދު،" އިންތިހާބު ފަސްކުރަން ގާނޫނަށް ބަދަލުގެންނަ ބިލު ތަސްދީގުކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުވިއްވި އެ މައްސަލއިގެ ބަހުސްގައި މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އަލީ އާޒިމް ވިދާޅުވީ ރޯދައިގެ ފަހަށް އިންތިހާބުގެ ތާރީހު ބަދަލުކުރުމަކީ ގާނޫނަށް ބަދަލު ނުގެނެސް ވެސް އީސީއަށް ކުރެވެން އޮތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް އިންތިހާބު ފަސްކުރަން އެ ކޮމިޝަނުން ދައްކާ ހުއްޖަތްތަކަކީ ސަރުކާރު ބޭނުންވާ ގޮތް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެެވެ.
"އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި މިނިވަން ތަނެއްގެ ގޮތުގައި ހިންގާ ތަނެއް. ކޮންމެހެން ވަކި ބަޔަކު ބުނާ ގޮތަށް މަސައްކަތްކުރަން އޮތް ތަނެއް ނޫން, އެއިރެއްގައި އޮންނަ ސަރުކާރެއް ހަމަ ބުނި ކޮންމެ ގޮތެއް ހަދަން ތިބޭ ބައެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވެސް ތުހުމަތުކުރެއްވީ އީސީގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަަމަށެވެ.
ވިލުފުށި ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފު ތުހުމަތުކުރެއްވީ ރޯދަމަހު އިންތިހާބު ބާއްވަން އީސީން ބޭނުން ވަނީ އިންތިހާބުގެ ނަތީޖާއަށް ބަދަލު ގެނައުމުގެ ރޭވުމަކުން ކަަމަށެވެ.
" އިލެކްޝަންސް ކޮމިޝަނުން ސަރުކާރާ ގުޅިގެން މިއުޅެނީ މި ޖަރީމާ ހިންގަން، ރޯދަމަހުގައި ފަހެއް ޖަހާއިރު ވޯޓުލުން ނިންމާލާފައި އެކަމަކު ވޯޓު ގުނަނީ ހަތެއް ޖަހާއި އިރު، އެވަގުތުކޮޅުގެ ތެރޭގައި މިއުޅެނީ ވޯޓުލާން ނާންނަ މީހުންގެ ނަމުގައި ވޯޓު އަޅަން، މިއީ އަޅުގަނޑަށް މިކަންތައް މާނަކުރެވޭ ގޮތަކީ،" އަފީފު ވިދާޅުވި އެވެ.
ރޯދަމަހު އިންތިހާބުތައް ނުބާއްވާ ގޮަތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލުގެންނަ ބިލު މަޖިލީހުން ފާސްކުރީ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގުކުރުމަށް ޓަކައި ރައީސަށް ފޮނުވީ ޖެހިގެން އައި ދުވަހު އެވެ.












