ކުރިއަށް މާޗު 17، ގައި ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތަށް އިތުރު 800 ވަރަކަށް އޮފިޝަލުން ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ މާޗު 17، ގައި މަޖިލިސް އިންތިހާބު ބާއްވަން ކުރަންޖެހޭ ބައެއް މަސައްކަތް ނިމި، އަނެއްބައި ކަންކަން ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ހޯދުމަށް ކުރި އިއުލާނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި އެގޮތުން މިހާތަަނަށް 5،200 އަށްވުރެ ގިނަ އޮފިޝަލުން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ގާނޫނުގައި މިހާރު އޮތް ތާރީހުތަކަށް ބަލައިގެން މާޗު 17، ގައި އިންތިހާބު ބާއްވަން އެ ކޮމިޝަނުން ނިންމާފައިވާއިރު އިންތިހާބުގެ ކަންތައްތަކަށް އިތުރު 800 ވަރަކަށް އޮފިޝަލުން ބޭނުންވާ ކަމަށް ހަބީބު ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނަށް ކުރުން ލާޒިމުވާ ގޮތަށް އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް މަޖިލީހުން ފާސްކޮށްފައި އޮތް ބިލު، ތަސްދީގުވުމަށް ފަހުގައި އެ ގާނޫނުގެ އޮންނަ ގޮތުގެ މަތިން ކޮމިޝަނުން ކަންކަން ކުރާނެ،" ހަބީބު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ މާޗު 17، ގަ އެވެ. އެ ދުވަސް ރޯދަމަހާއި ދިމާވާތީ ރައްޔިތުންގެ މަޖިލީހުން ވަނީ, އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ. ނަމަވެސް އެ ބަދަލު އަދިވެސް ރައީސް ތަސްދީގުނުކުރައްވަ އެވެ.
ހަބީބު ވިދާޅުވީ އިންތިހާބުގެ ތައްޔާރީތައް ވަމުންދަނީ އިންތިހާބު ބާއްވާ ތާރީހަކީ މާޗް, 17 ކަމަށް ބަލައިގެން ކަމަށެވެ.
އެގޮތުން އެ ތާރީހަށް ބަލައިގެން އޮފިޝަލުން ތަމްރީނުކުރުމާއި ލޯފަން މީހުންގެ ޓެމްޕްލޭޓުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދެމުން ގެންދަވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
ލޯފަން މީހުންގެ ޓެމްޕްލޭޓުގައި ވޯޓުލާން ބޭނުންވާ ފަރާތްތަށް ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވާނީ މިރޭ 22:00 ހަމައަށެވެ.












