މޯލްޑިވްސް އިސްލާމިކް ބޭންކުގައި މީހަކު ހުޅުވާފައި އިން އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއް ފުލުހުން ބަލައި އޭގެ ތެރެއިން ބޮޑު ބައި އަނބުރާ ހޯދާފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޑަންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.
އެގޮތުން ފައިސާ ގެއްލުނު މީހާގެ އެކައުންޓުން އެކި ފަހަރުމަތިން ޖުމްލަ 1.8 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ ކަމަށާއި މައްސަލަ ހުށަހެޅުމާއެކު ރާއްޖޭގައި ޓްރާންސެކްޝަންތައް ހިންގާފައި ހުރި ބޭންކުތަކާ ވަގުތުން ކޯޑިނޭޓު ކުރެވުނު ކަމަށް ފުލުހުން ބުނެ އެވެ.
"ކުރެވުނު މަސައްކަތުން 48 ގަޑިއިރު ތެރޭގައި އަޅުގަނޑުމެންނަށް ވަނީ ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 98 ޕަސެންޓު ރިކަވާ ކުރެވިފައި. އެގޮތުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުމާ އެކު އަޅުގަނޑުމެން ބޭންކުތަކާ ގުޅިގެން ހޯލްޑު ކުރެވިފައި ހުރި ފައިސާ އާއި ވިޔަފާރި މުއާމަލާތްތައް މި ފައިސާއިން ކޮށްފައި ހުރި ތަންތަނުގެ އެހީތެރިކަމާ އެކުގައި އެ ފައިސާ އާއި އަދި އަޅުގަނޑުމެން މި ތުހުމަތު ކުރެވޭ ފަރާތެއްގެ، ދިރިއުޅޭ ތަން ބަލައި ފާސްކޮށްގެން ހޯދިފައިވާ ފައިސާ މީގެ ތެރޭގައި ހިމެނޭނެ،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި ތުހުމަތު ހަތަރު މީހަކަށް ކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްވެސް ހިމެނެ އެވެ. އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ބައްދަލުވުމުގައި ބުންޏެވެ.














