އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގައިން ވައުދުގެ ދަށުން މާލެ ސަރަހައްދުގައި އިއްޔެ ހުޅުވި "އިސްރަށްވެހިންގެ ނާދީ" އަކީ ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް ގާއިމުކޮށްފައިވާ ފުރިހަމަ މަރުކަޒެކެވެ.
އެގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކާއި އަދި އަމިއްލަ ޖަމުޢިއްޔާތަކާއި ގުޅިގެން ވަނީ އެ މަރުކަޒުން ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅައިފަ އެވެ. އިސްރަށްވެހިންގެ މަރުކަޒުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި:
- ކުޅިވަރާއި ބެހޭ ވުޒާރާއިން ހަފްތާއަކު ތިން ދުވަހު ކަސްރަތު ޕްރޮގްރާމެއް
- ހަފްތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމް، ޗެސް، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅުން
- ކޯޗުންގެ ތަމްރީނު ޕްރޮގުރާމު
- ޔޫތު މިނިސްޓްރީން ނަފްސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ތަރައްގީ ކުރުމަށްޓަކައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކާއި ފެހުމާއި އެހެނިހެން ކުރު މުއްދަތުގެ ކޯސްތައް އަދި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް
- އައިޖީއެމްއެޗް ގެ ފަރާތުން ހައިޑްރޯ ތެރެޕީ، އިށީންދެގެން އިނދެ ކުރާ ކަސްރަތު އަދި ބެލެންސް ޓްރެއިނިން ކްލާސްތަކެއް
- "އޭޖްކެއާ މޯލްޑިވްސް" ގެ ފަރާތުން ކޮންމެ ތިން މަހަކުން އެއް ފަހަރު އިސްރަށްވެހިންގެ މެދުގައި ހިޔާލުފާޅުކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިން ސެޝަންތައް
މީގެ އިތުރުން އެންސްޕާއަށް ހުށަހަޅަން ބޭނުންވާ ފޯމުތައް ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް "ހެލްޕް ޑެސްކެއް" ވެސް އިސްރަށްވެހިންގެ މަރުކަޒުގައި ވަނީ ގާއިމުކޮށްފަ އެވެ.
އިސް ރަށްވެހިންގެ މަރުކަޒު ހެދީ ކުރީގެ ގުރްއާނާ ބެހޭ މަރުކަޒު ހިންގި އިމާރާތުގަ އެވެ.












