ރާއްޖެއަށް ބޭސް އެތެރެކޮށް، އާސަންދަ ސްކީމުން ދޫކުރާ ބޭހަށް ފައިސާ ދައްކަނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު އާއްމުކުރި "ނެޝަނަލް މެޑިސިން ޕޮލިސީ 2024-2030" ގައި ބުނީ ރާއްޖެއަށް ބޭސް އެތެރެކުރަނީ އަދި އާސަންދަ މެދުވެރިކޮށް ދޫކުރާ ބޭހަށް ފައިސާ ދައްކަނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ވުރެ ތިންގުނަ އާއި ފަސްގުނައާ ދެމެދުގެ ބޮޑު އަގެއްގައި ކަމަށެވެ.
ބޭސް އެވަރަށް އަގުބޮޑުވަނީ އިކޮނޮމީ އޮފް ސްކޭލް ނުލިބޭތީ (އަގު ހެޔޮވާހާ ގިނައިން ނުގެންނާތީ) ނޫން ކަމަށާއި އެެއީ ބޭސް ހޯދުމުގައި ހުރި ދޯހަޅިކަމުން ވާ ކަމެއް ކަމަށް ވެސް ޕޮލިސީގެ ތައާރަފްގައި ހިމެނި މައުލޫމާތުގައި ހެލްތު މިނިސްޓްރީން ބުންޏެވެ.
"[ގެންނާނެ އުފެއްދުންތައް ކަނޑައެޅުން، ހުންނަންވާނެ ޝަރުތައް ކަނޑައެޅުން ގެންނާނެ އަގުތަކަށް އެއްބަސްވުން ފަދަ މުހިއްމު ހުރިހާ ނިންމުންތަކެއް ނިންމަނީ އެއް އިދާރާއަކުން އެއް ބަޔަކު، އެހެން ނަމަވެސް ހިނގާ ހުރިހާ ހަރަދަކަށް ފައިސާ ދައްކަނީ އެއިން ކަމެއްގައި ބަހެއް ނުކިޔޭ އަދި ހަރަދުގެ ގޮތުން އެންމެ ރަނގަޅު ބޭސްތައް އިހުތިޔާރުމުގެ ފުރުސަތު ނޯންނަ އާސަންދައިން،" ބޭސް ގެނައުުމުގެ ކަންތައް މީގެ ކުރިން އޮތް ގޮތް ބަޔާންކުރަމުން ހެލްތު މިނިސްޓްރީގެ ލިއުމުގައި ބުންޏެވެ.
އެ ލިއުމުގައިވާ ގޮތުން ބޭސް ގެނައުމުގެ ކަންތަކުގައި އޮތް ދޯހަޅިކަމާއި އެކަމުގައި އެކުލެވޭ ކޮރަޕްޝަން ވެސް ބޮޑުވަނީ ހާމަކަމެއް ނެތުމުގެ ސަބަބުންނެވެ. އެކަން އެހެން އޮތް އިރު، ފައިސާ ނުދައްކައި ހިފަހައްޓަން އާސަންދައަށް ލިބިދީފައިވާ ބާރުގެ ބޭނުން ނުކުރާ ކަމަށް ވެސް ބުންޏެވެ.

އާ ސިޔާސަތުތައް
އާސަންދައިން ބޭހަށް ފައިސާ ދެއްކުމުުގައި ހުރި ގޯސްތައް ހުއްޓުވުމަށްޓަކައި މީގެ ފަހުން އަމަލުކުރާނެ ގޮތްތައް ނެޝަނަލް މެޑިސިން ޕޮލިސީގައި ބަޔާންކޮށްފައި ވެ އެެވެ. އޭގެ އެއް ކަމަކީ އަސާސީ ބޭސްތަކުގެ ލިސްޓެއް އަލުން އެކުލަވާލައި، އެ ލިސްޓުގައިވާ ބޭސްތަކަށް އާސަންދައިން ފައިސާ ދައްކާނެ އެންމެ މަަތީ އަގުތައް ކަނޑައެޅުމެެވެ.
އެގޮތުން ބޭސްތަކަށް ދައްކާނެ އެންމެ މަތީ އަގުތައް ކަނޑައަޅާނީ ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އާސަންދަ ގުޅިގެން ކަމަށް ވެސް އާ ސިޔާސަތުގައި ކަނޑައަޅާފައިވެ އެވެ.
އާސަންދައިން ކަނޑައަޅާ އަގަށް ވުރެ މަތިވާ ބައި، ބޭސް ގަންނަ މީހާ ދައްކާނެ މެކޭނިޒަމެއް ކަނޑައަޅާނެ އެވެ. އަސާސީ ލިސްޓްގައި ނުހިމެނޭ ބޭސްތަކަށް ފައިސާ ދައްކާނީ ވެސް އެ މެކޭނިޒަމްގެ ތެރެއިންނެވެ. އަދި ބޮޑެތި ބަލިތައް ކުރިމަތިވެ، ހަރަދުކުރަން ދަތިވާ މީހުންނަށް އެހީތެރިކަން ދޭނީ އެންސްޕާ އިންނެވެ.











