ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަނުން ހުޅުވާލައިފި އެވެ.
މާޗު 17، 2024 ގައި ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
އެ ލިސްޓުގައި 4،651 މީހެއްގެ ނަން ހިމެނެ އެވެ. އެހެންވެ އެ ފަދަ ފަރާތްތަކުން، ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.
އިލެކްޝަނުން ބުނީ މި ފުރުސަތުގައި އަލުން ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާގެ ހަވީރު 4:00 ޖެހުމާ ހަމައަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، އެ ކޮމިޝަނުން ނެރުނު ލިސްޓުގައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ބުންޏެވެ.
ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅަންޖެހޭނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިލެކްޝަނުން ބުންޏެވެ.
މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާ އެކޮމިޝަނުން ވަނީ ގާއިމުކޮށްފަ އެވެ.













