ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 18, ގައި އުފެއްދެވި އިދާރާއަށް 30,000ރ. ގެ މުސާރާގައި 10 ވިލަރެސްވެރިންގެ ވަޒީފާއަށް މީހުން ނެގުމަށް އިއުލާނުކޮށްފި އެވެ.
ވިލަރެސްވެރިންނަށް މުސާރައިގެ ގޮތުގައި 25,000ރ. ކަނޑައަޅާފައިވާއިރ އެލަވަންސްގެ ގޮތުގައި 5,000ރ. ލިބޭނެ އެވެ. އިތުރު އެލަވަންސަކަށް ހިމަނާފައި ވަނީ ހަމައެކަނި ރޯދަ އެލަވަންސެވެ. މިއީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓް މަގާމެކެވެ.
އެ މިނިސްޓްރީން ފެބްރުއަރީ 13, ގައި ވަނީ މި ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ 20, ގެ މެންދުރު 13:30 އެވެ. މަގާމުގެ މަސައްކަތު ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ތައުލީމު ފޯރުކޮށްދިނުމާއި އިދާރީ މަސައްކަތްތަކެވެ.
މަގާމަށް މީހުން ނެގުމުގައި އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާ ގައުމު ދެކެ ލޯބިވާ މީހަކަށްވާން ޖެހޭ ކަމަށް ބަލާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި, ދިވެހިވަންތަކަމުގެ ބަހާތަކަށް ލޯބިކުރާ ފަރާތަކަށްވާން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެން ނަމަވެސް, އެކަންކަން ބަލާނީ ކޮން އުސޫލަކުން ކޮން މިންގަނޑަކުން ކަމެއް ބުނެފައި ނުވެ އެވެ.

މަގާމުގެ ޝަރުތު
- ޑިގްރީ ސެޓްފިކެޓަކާއި އެއް އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ނުވަތަ
- ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާއަކާ އެކު މަސައްކަތު ދާއިރާގެ ދެ އަހަރުގެ ތަޖުރިބާ ނުވަތަ
- ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން އަދި އެސްއެސްސީ ނުވަތަ އެޗްއެސްސީ އިމްތިހާނުން "ދިވެހި" މާއްދާއިން "ސީ" ފާސް ލިބިފައިވުމާ އެކު ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާއެކު މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމެވެ.
ވަޒީފާގެ މަސްއޫލިއްޔަތުތައް
- ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި ދަސްކުރުމާ ދިރާސާކުރުމާއި ހުށަހަޅައިދިނުމުގެ މަސައްކަތް ވިލަރެސް ކުރުމާއި,
- ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ޝާއިޢުކުރުމަށް ތައްޔާރުކުރާ ތަކެތީގެ ފުރިހަމަކަން ޗެކްކުރުމާއި
- ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިކަންހުރުމެވެ.
ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އާ އިދާރާއެއް އުފެއްދުމުގެ ބޭނުމަކީ ދިވެހި ގައުމިއްޔަތު އާލާ ކުރުމުގެ ގައުމީ ނިޒަމުގެ ތެރެއިން ދިވެހި ބަހާއި ތާރީހާއި ސަގާފަތުގެ އިތުރުން ތަރިކަ އާއި އާދަކާދަތަކާއި ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާ ކުރުމަށާއި ގައުމީ ރޫހު އާލާކޮށް އާންމުކޮށް ދިވެހީންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތް ކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.
އެ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިން މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ހައްގުގައި ހިދުމަތް ކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާ ކުރުން ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.
އޭގެ އިތުރުން ރާއްޖެ އާއި ދިވެހި ގައުމިއްޔަތާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެފައިވާ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކޮށް ދިވެހިރާއްޖެ އާއި ދިވެހީންނާ ގުޅޭ ގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަސް ގެނައުން ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.












