ރާއްޖޭގައި ޒަކާތާ ގުޅޭ އެންމެހާ ކަންތައްްތައް ކުރިއަށް ގެންދިއުމަށް މި ސަރުކާރުން އުފެއްދި އިދާރާ، "މޯލްޑިވްސް ޒަކާތު ހައުސް" އުފެއްދިތާ ގާތްގަނޑަކަށް އެއްމަސް ދުވަހުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ، ޒަކާތު ހައުސްގެ ޖެނުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ މަހުގެ ނިޔަލަށް އެ އިދާރާއަށް އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ 794،120ރ އެވެ. އެ މުއްދަތުގައި އެހީ އަށް އެދުނު 65 މީހަކަށް 441،012ރ އެހީގެ ގޮތުގައި ވަނީ ހޭދަކޮށްފަ އެވެ.
އެހީ ދީފައިވާ މައިގަނޑު ކަންތައްްތަކަކީ:
ކެންސަރު ފަރުވާ 207،784ރ
- ހިތުގެ އޮޕަރޭޝަން 42،405ރ
- ޓްރާންސްޕްލާންޓް 76،329ރ
- ސިކުނޑީގެ އޮޕަރޭޝަން 59،367ރ
- އެހެނިހެން 408،325ރ
މީގެ އިތުރުން ޒަރޫރީ އެހީ ނުވަތަ، ހާއްސަ ހާލަތެއް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ދޭ އެހީއަށް އެދި ހަ ފަރާތަކުން ހުށަހެޅި ކަމަށާއި ޒަރޫރީ އެހީގެ ގޮތުގައި 16،437ރ ދީފައިވާކަމަށްވެސް ހިސާބުތަކުން ދައްކަ އެވެ.
އަދި ޒަކާތު ހައުސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މިދިޔަ މަހު 172،050ރ އަދި ދީނީ އެކި ޕްރޮޕްރާމުތައް ހިންގުމަށް 292،177ރ ހޭދަކުރި ކަމަށްވެސް ހިސާބުތަކުން ދައްކަ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް އުފެއްދީ މީގެ ދެމަހެއްހާ ދުވަސް ކުރިން ޑިސެމްބަރު 18، 2023 ގަ އެވެ.
ސަރުކާރުން ބުނި ގޮތުގައި މި އިދާރާ އަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި އުފެއްދި އިދާރާ އެކެވެ.
އޭގެ އިތުރުން ވަކި އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފެއްދުމުގެ އެއް ބޭނުމަކީ ޒަކާތުގެ ގޮތުގައި އެކި މީހުން ދައްކާ ފައިސާ މިހާރަށް ވުރެ އިތުރުކުރުން ކަމަށްވެސް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.













