އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފަސޭހައިން އެކައުންޓު ހުޅުވޭގޮތް ހަދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮވާލައިފި އެވެ.
ކެންޑިޑޭޓުން އިންތިހާބުތަކުގައި ކުރާ ހަރަދު ފަސޭހައިން ބެލެހެއްޓޭނެހެން ވަކި އެކައުންޓެއް ފަސޭހައިން ހުޅުވޭގޮތް ހަދައިދިނުމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ގޮވާލެއްވީ, އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނިކޮށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ރާއްޖޭގެ ބޭންކެއްގައި، އަލަށް އެކައުންޓެެއް ހުޅުވުމާ ގުޅޭގޮތުން އެޕްލިކޭޝަން ހުށަހެޅުމުން، ބޭންކްތަކުން ކަނޑައަޅުއްވާ ކްރައިޓީރިއާއެއްގެ ދަށުން ނަމަވެސް، އާ އެކައުންޓެއް ހުޅުވޭނޭ އުނދަގޫ ނޫން ގޮތެއް ހަމަޖެއްސެން ޖެހޭ" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނުނު މަޖިލީހަށް ހުށަހަޅާފައިވާއިރު, މިކަމާމެދު ވިސްނުން މުހިންމު ކަމަށެވެ. އަދި މިކަމުގައި ބޭންކުތަކުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފަސޭހައިން އެކައުންޓު ހުޅުވޭގޮތް ހަދަން ހަބީބު ގޮވާލެއްވިއިރު, އޭނާ ވަނީ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ދިރާސާ ކުރުމުގެ މަރުހަލާގައި އެކަމުގެ ކަންބޮޑުވުން ކޮމިޓީއާ ވެސް ހިއްސާ ކޮށްފަ އެވެ.

ހަބީބް ވިދާޅުވީ އިންތިހާބުތަކުގައި ކެންޑިޑޭޓުން ކުރާ ހަރަދުތައް ބެލެހެއްޓޭނީ ވަކި އެކައުންޓެއް ހުޅުވައިގެން ހަރަދު ކުރުމުން ކަމުގައިވީ ނަމަވެސް ރަށްރަށުގައި ތިބޭ އަދި ކެމްޕޭނު ކުރާ ކެންޑިޑޭޓުންނަށް ވަކި އެކައުންޓެއް ހުޅުވައިގެން އެގޮތަށް އަމަލު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.












