ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން މާޗު 17, ގައި ބާއްވާ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން 3،302 މީހުން ރަޖިސްޓާކޮށްފައިވާ ކަމަށް އިލެެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އީސީއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން އިއްޔެ އިރުއޮއްސި 18:00 ގެ ނިޔަލަށް ރީރެޖިސްޓާވުމަށްޓަކައި އެ އިދާރާއަށް 3،769 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ހުށަހެޅި 1،274 އެޕްލިކޭޝަނާއި، އީފާސް މެދުވެރިކޮސް ހުށަހެޅި 672 ފޯމު ހިމެނެ އެވެ.
މީގެ ތެރެއިން އީސީއިން ރެޖިސްޓާކޮށްދީފައިވަނީ 3،302 ފޯމެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 1،081 އެޕްލިކޭޝަން އަދި 652 ފޯމެވެ. އަދި 467 ހުށަހެޅުމެއް އީސީން ވަނީ ބަލައިނުގަނެވޭކަމަށް ނިންމާފަ އެވެ.
އީސީން ވަނީ ރީރަޖިސްޓަރީ ކުރަަން ހުށަހެޅުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކުކުރުމަށް އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ރަށްވެހިވެފައިވާ ރަށްނޫން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 16:00 އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރިއަށް އޮތް 20 ވަނަ ދައުރަށް 93 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ.












