މާޗު 17، ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރަޖިސްޓަރީކުރުމުގެ ފުރުސަތު އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނިންމައިފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރަޖިސްޓަރީކުރުމުގެ ފުރުސަތު ފެބްރުއަރީ 20، ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ހަބީބް އިތުރަށް ވިދާޅުވީ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ މީހުންނަށް، އެކަމަށް ބޭނުންވާ ތަމްރީން ދިނުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޒާމު ކުރަމުން އަންނަ ކަމަށެވެ. އަދި އަތޮޅުތަކުގައި ތަމްރީނު ދިނުމަށް ހަމަޖައްސާފައިވަނީ ފެބުރުއަރީ 26، އާއި މާޗް 6، އާ ދޭތެރޭގައި ކަމަށް ވިދާޅުވި އެވެ.
"ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކަށް، ރާއްޖޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، އެކަމަށް ބޭނުންވާ ތަމްރީން އެ ފަދަ ފަރާތްތަކަށް ދިނުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޒާމު ކުރަމުން،" ހަބީބް ފާހަގަކުރެއްވި އެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ މީހުން ފެބްރުއަރީ 20، ގެ 1414 އަށް ގުޅައިގެން ރަޖިސްޓްރީކުރެވޭނެ ކަމަށް އީސީން ބުނެ އެވެ.

އެ ނަމްބަރަށް ގުޅައިގެން ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، ރަސްމީ ބަންދު ނަމަ، ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 ގެ ނިޔަލަށް ހިދުމަތްތައް ލިބޭނެ އެވެ.













