އަންނަ މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮބްޒާވު ކުރަން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓަރީ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބު އޮބްޒާވު ކުރައްވަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމަށް މިއަދުން ފެށިގެން އަންނަ ފެބްރުއަރީ 19 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ ދަރުބާރުގޭގައި ގާއިމުކޮށްފައި ހުރި އީސީގެ އިންތިހާބީ މަރުކަޒަށް ނުވަތަ omc@elections.gov.mv އަށް މެއިލް ކޮށްގެންނެވެ.
އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމުތަކުގެ ފައިލް ސައިޒް 10 އެމްބީއަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. އެއަށްވުރެ ފައިލްސައިޒް ބޮޑު އީމެއިލްތައް ބަލާނީ ހުށަނާލާ އީމެއިލްތަކެއްގެ ގޮތުގައި ކަމަށް ހަބީބުގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އޮބްޒާވަރުންނަށް ވުމަށް އެދި ހުށަހަޅާއިރު އޮބްޒާވަރަކަށް ވުމަށް އެދޭ ފޯމާއިއެކު އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީއާއި އޮބްޒާވަރަށް ވުމަށް އެދޭ ފަރާތުގެ ފޮޓޯ އަދި އިގުރާރު ހުށަހަޅަން ޖެހޭނެ އެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހުށަހަޅަނީ ބައިވަރު މީހުން އެއްކޮށް ނަމަ، އެމީހުންގެ މައުލޫމާތު އެނގޭނެހެން އީސީން ކަނޑައަޅާފައިވާ ފޯމެޓަށް އެކްސެލް ޝީޓެއްގައި ލިސްޓު ކުރަންޖެހޭނެ އެވެ.

އޮބްޒާވަރަކަށް ވުމަށް އެދޭ ފޯމު އިލެކްޝަންސްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މާޗު 17 ގަ އެވެ. އެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އީސީން ވަނީ މިހާރު ހުޅުވާލައިފަ އެވެ.













