އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަން އެކުލަވާލައި ތައްޔަރުކޮށްފައިވާ އެކްޝަން ޕްލޭން އިފްތިތާހުކޮށްފި އެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާހުކޮށްފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިސްލާމިކް މިނިސްޓްރީގެ އެކްޝަން ޕްލޭން އެކުލަވާލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރުމަށް ހިމަނާފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.
އިސްލާމިކް މިިސްޓްރީގެ އެކްޝަން ޕްލޭނުގައި ހިމެނޭ ކަންކަން
- މިނިސްޓްރީން ކުރިއަށްގެންދާ ހަރާކާތްތައް ސައިން ލޭންގުއޭޖުން ގެނެސްދިނުން
- ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އިސްލާމީ މަރުކަޒުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
- މިސްކިތްތަކުގެ ހާލަތު ދެނެގަތުމާއި މިސްކިތްތަކުގައި ހުރި މައްސަލަތައް ހައްލުކުރުވުމަށް މަސައްކަތް ކުރުން
- ދައުލަތުގެ ބަޖެޓުގެ އިތުރުން މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދާނެ ނިޒާމެއް ގާއިމްކުރުން
- ބަޖެޓު ތިން ގުނަ އިތުރުކުރުމަށް މަސައްކަތް ކުރުން.
- ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ހިންގަމުންދާ ޕްރޮގްރާމްތައް އިތުރުކުރުން
- ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަގުފުތައް ގާއިމްކުރުމުގެ އިޖްރާއީ މަސައްކަތް ފުރިހަމަ ކުރުމާއެކު ވަގްފުގެ ހަ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ފެށުން
- ހައްޖުވެރިންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ ހައްޖަށް ދެވޭ އަގު މިހާރަށްވުރެ ކުޑަކުރުމަށް މަސައްކަތް ކުރުން
- އުމްރާ ގުރޫޕްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކޮންފަރެންސެއް ބޭއްވުން
- ހައްޖާއި އުމްރާ ޕޯޓަލްއެއް ގާއިމްކުރުން
- ޒާކާތުގެ ކަންކަން ހަރުދަނާކުރުމަށް ހަރަކާތްތައް ހިންގުން
- ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރުމަށް މަސައްކަތް ކުރުން
އެކްޝަން ޕްލޭން އިފްތިތާހްކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ޕްލޭންގައި ހިމަނާފައިވާ ކަންތައްތަކަކީ ރާއްޖޭގެ ގައުމީ މަސްލަހަތަށާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ވަރަށް ބޮޑަށް ގުޅުން ހުރި ކަންތައްތަކެއް ކަމަށެވެ. އަދި އެ ކަންކަން ހާސިލްކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.













