ފިނޭންސް މިނިސްޓްރީ ކޮންމެ އަހަރަކު އެކުލަވާލާ ދައުލަތުގެ ބަޖެޓުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ސަރުވަޝް ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީގައި އަދާކުރައްވަމުން ގެންދަވާ މަގާމުގައި އަށް އަހަރަށް ވުރެ ދިގު މުއްދަތަކަށް މަަސައްކަތް ކުރައްވާފައި ވާތީ ބަދަލެއް، ގެނެސް އެހެން މަގާމަކަށް ވަޑައިގަންނަވަން މިއީ ރަނގަޅު ވަގުތު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"މިހާރަށް ވުރެ އުފެއްދުންތެރިކޮށް، ހިދުމަތް ކުރެވޭނެ އެހެން ދާއިރާއަކަށް ދާން މިއީ ރަނގަޅު ވަގުތު ކަމަށް އިހުސާސްވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިނޭންސްގެ މަގާމުން ވަކިވެވަޑައިގަންނަވަން އަދި ދެއްވީ ނޯޓިސް އެވެ. އެހެންވީމާ އަދި އެއް މަސްދުވަހު އޭނާ އެ މަގާމުގައި ހުންނަވާނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިވިޝަންގެ ވެރިއެއްގެ ގޮތުގައި ހުންނެވި ސަރުވަޝް 2016 އިން ފެށިގެން ނިމިދިޔަ ދެ ސަރުކާރާއި މި ސަރުކާރުގެ ފުރަތަމަ ބަޖެޓު އެކުލަވާލުމުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅާ އެވެ.
ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެގްޒެކެޓިވްގެ މަގާމާ ހަވާލުވުމުގެ ތެރެއިން ސަރުވާޝް ވަނީ މީރާގެ ޗެއާމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.














