ސިޔާސީ މަގާމުތަކުގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަށްޓަކައި ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން އިއްޔެ ނިންމި އެވެ.
އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަނު ކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެގެންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
މި ސަރުކާރުގެ ކެބިނެޓުގައި 22 މިނިސްޓަރުން ހިމެނޭއިރު، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން އެ އޮފީހުގެ ސީނިއާ މިނިސްޓަރާއި މިނިސްޓަރުންގެ ގޮތުގައި ޖުމުލަ ހަތް ބޭފުޅަކު އަދި މިނިސްޓަރުންގެ ފެންވަރުގައި 11 ބޭފުޅަކު އެބަ ތިއްބެވި އެވެ. އެޑްވައިޒަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަން ކުރައްވާފައިވެ އެވެ.
ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި 83 ބޭފުޅުން، އެ ފެންވަރުގައި އެހެން މަގާމުތަކަށް އަށް ބޭފުޅަކު އައްޔަން ކުރައްވާފައިވެ އެވެ. ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި މިހާތަނަށް 157 ބޭފުޅަކު މިނިސްޓްރީތަކަށް އައްޔަން ކުރައްވާފައި ވާއިރު، ރައީސް އޮފީހުގެ މަގާމުތަކަށް ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ނުވަ ބޭފުޅަކު އައްޔަން ކުރައްވާފައިވެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އަދި ހާއްސަކޮށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އަދި އެ ފެންވަރުގެ ބޭފުޅުންގެ އަދަދު އިތުރުވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސާދަށް އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

އެހެންކަމުން, ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިގެން އަދި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތް ކަމަށް ވާނަމަ އެބަދަލު ގެނެސްގެން ވިޔަސް ސިޔާސީ މަގާމުތަކުގެ އަދަދުތައް ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮންނަންޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
މިއީ ދެ ޕާޓީއަށް ވެސް އެއްބަސްވެވޭ ގޮތުގައި ގެންނަންޖެހޭ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސިޔާސީ މަގާމުތައް ލިމިޓްކުރުމަށް ހުށަހަޅާ ހުށަހެޅުން މިހާރު ޑްރާފްޓް ވެސް ކޮށްފައިވާ ކަަމަށެވެ.
"މިހާރު އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުތަކާއި މިނިސްޓްރީތަކުގެ އަދަދުތަކާ, އެހެންމެ އެކަންތައް ކުޑަކުރެވޭނެ ގޮތަކާމެދު ވާހަކަ ދައްކާ, އެވެސް ޑްރާފްޓު ކުރެވި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރެވެމުން މިދަނީ" އާޒިމް ވިދާޅުވި އެވެ.












