ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް ދިވެހި މިއުޒިޝަނުންނާއި ފަންނުވެރިން ނެތް ކަމަށް ބުނެ އެފަދަ މަސައްކަތް ކުރާ ބިދޭސީންނަށް ވޯކް ވިސާ ހަމަޖައްސައިދިނުމަށް ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ސަރުކާރަށް ހުށަހަޅައިފި އެވެ.
ޓޫރިޒަމް ސިނާއަތުގައި ހުރި މައްސަލަތަކާއި އެ ޖަމިއްޔާއިން ހުށަހަޅާ ކަންކަން ބަޔާންކޮށް މަޓީން ނެރުނު ކަރުދާހެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން އިތުރުވަމުންދާއިރު އެ ތަންތަނަށް ހިދުމަތް ދޭނެ ވަރަށް ދިވެހި ފަންނުވެރިން ނެތް ކަމަށް މަޓީން ވަނީ ބުނެފަ އެވެ.
"ދިވެހި ޕާފޯމަރުންނާއި ފަންނުވެރިން ގާތްގަނޑަކަށް ނުވެސް ނެތް. ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނަށް މިއުޒިކާއި އެންޓަޓެއިންމަންޓް ހިދުމަތްތަކީ ވަރަށް މުހިންމު ބައެއް," މަޓީގެ ލަފާތައް ހިމަނައި ބަޔާނުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން އެ ޖަމިއްޔާއިން ސަރުކާރުގައި އެދިފައި ވަނީ ބޭރުގެ މިއުޒީޝަނުންނާއި, ޕާފޯމަރުން އަދި އެންޓަޓެއިނަރުންނަށް ވޯކް ވިސާ ދިނުމަށެވެ.
titledesc

ރާއްޖޭގެ ރިސޯޓުތަކާއި ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުގައި ބޭރުގެ މިއުޒިޝަނުންނާއި ފަންނުވެރިން ހަރަކާތްތެރިވުމުގެ ފުރުސަތު ނުދިނުމަށް ނިންމީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް, ރިސޯޓުތަކުން މިކަމަށް ބޯނުލަނބާތީ މިއުޒިޝަނުންނާއި ފަންނުވެރިންގެ ކަންބޮޑުވުން އެބައޮތެވެ.
ދިރާސާއެއް ނެތި މަޓީން ލަފާ ދިނުމުން ކަންބޮޑުވުން
މި މައްސަލައަކީ ކުރީ ސަރުކާރުގެ ސަމާލުކަމަށް ވެސް މިއުޒިޝަންސް ޔޫނިއަނުން ގެނެސްފައިވާ ކަމެކެވެ. އެގޮތުން, ގާނޫނީ ވަކީލެއްގެ ބައިވެރިވުމާއި އެކު ދައުލަތުގެ އިދާރާތަކަށް ފޮނިވި ސިޓީއެއްގައި ވާނީ މިކަމުގައި ޝާމިލުވާ ފަރާތްތަކުން މިކުރާ ޣަައިރު ގާނޫނީ ކަންކަން ފާހަގަކޮށް، އެ ފަރާތްތަށް ޒިންމާދާރު ކުރުމަށް ވަނީ ގޮވާލާފަ އެވެ.
މަޓީގެ ހުށަހެޅުމާ ގުޅޭގޮތުން ގުޅިގެން "އަދަދު" އާ ވާހަކަ ދެއްކެވި މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ފައުންޑާ މެމްބަރު އަދި ކުރީގެ ރައީސް އަހްމަދު ޝިހާމް ވިދާޅުވީ މަޓީން މިފަދަ ހުށަހެޅުމެއް ހުށަހަޅަން ވާނީ އެކަށީގެންވާ ދިރާސާތަކެއް ކުރުމަށް ފަހު ކަމަށެވެ.
"ވަރަށް ބައިވަރު ހުނަރުވެރިން އެބަ ތިބި ހަފްތާއެއްގެ ތެރޭގައި އެންމެ ބުކިންއެއް ވެސް ނުލިބޭ," އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ފަންނުވެރިންނަށް ޓޫރިޒަމް އިންޑަސްޓްރީގައި ދޭ ފުރުސަތުތަކާ ގުޅޭ ދިރާސާއެއް ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ދޭތެރެ ދޭތެރެއިން މިކަމާ ގުޅޭ ކަންބޮޑުވުން ރާއްޖޭގެ ފަންނުވެރިން ވެސް ފާޅުކޮށްފައިވެ އެވެ.
"ގެސްޓުންގެ ފަރާތުން އެބަ ހުރި ޑިމާންޑްކޮށްފައި ދިވެހި ފަންނުވެރިންގެ ހުށަހެޅުންތަކަށް. ކުރިން ރިސޯޓަށް ދާއިރު ދިވެހި ފަންނާނުން ތިބޭ. އެކަމަކު ފަހުން ގެސްޓުން އަންނައިރު އެ ދިވެހިންގެ ބަދަލުގައި އަގުހެޔޮކޮށް ބޭރުގެ ފަންނުވެރިން ތިބިކަން ގެސްޓުންނަށް ފާހަގަކުރެވިފައިވޭ," ޝިހާމް ވިދާޅުވި އެވެ.
ބޭރު މީހުންނަށް ވޯކު ވިސާ ދިނުމަށް ތާއީދު ކުރި ނަމަވެސް ރާއްޖޭގައި ފަންނުވެރިންނާއި މިއުޒިޝަނުން ނެތް ކަމަށް ބުނުމަކީ ހަގީގާތާ ވަރަށް ދުރު ވާހަކައެއްގެ ގޮތުގައި ޝިހާމް ފާހަގަކުރެއްވި އެވެ. ނަމަވެސް, ވިސާ ދޭ ފަރާތްތަކުގެ އަތުން ޓެކުހެއް ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރުމެން ބޭނުންވަނީ މިކަން އިންސާފުވެރިވާން. މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ ތަންތަނުގައި ޕާފޯމްކުރާ މީހުންގެ ތެރެއިން 60 ޕަސެންޓަކީ ދިވެހިންނަށް ހެދުން ލާޒިމުކުރުން ކަހަލަ ގޮތެއް," ޝިހާމްގެ ހިޔާލު ހިއްސާކުރި އެވެ.
ރިސޯޓު މިއުޒަކަކީ ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވަމުންދާ އިންޑަސްޓްރީއެކެވެ. މި އިންޑަސްޓްރީގައި ބޭރު މީހުންނަށް އިސްކަން ދޭތީ އެމީހުންގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އެކަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާއިރު ބައެއް ރިސޯޓުތަކުގައި އިން-ހައުސްކޮށް ވެސް ބޭރު މިއުޒިޝަނުން އަގުހެޔޮކޮށް ބައިތިއްބައިގެން ދަނީ ހިދުމަތް ދެމުންނެވެ.












