މާޗް 17ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ލިސްޓަށް 746 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް މިއަދު "އަދަދު"އަށް ވިދާޅުވީ، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ މީހުން ޝަކުވާ ހުށަހެޅީ ދާއިމީ އެޑްރެސް ބަދަލުވެފައި ވުމާ ގުޅިގެން ކަަމަށެވެ. އެކަމާ ގުޅިގެން 450 ޝަކުވާއެއް ހުށަހަޅާފައި ވެއެވެ.
ދެވަނައަށް އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހަކު ލިސްޓުގައި އޮތުމުންނެވެ. އެފަދަ 225 ޝަކުވާއެއް ހުށަހަޅާފައި ވެއެވެ.
ވޯޓުދޭ ދާއިރާ ބަދަލުވެގެން 40 ޝަކުވާއެއް، ލިސްޓުގައި ނެތިގެން ފަސް ޝަކުވާއެއް އަދި އައިޑީކާޑުގެ މައުލޫމާތެއް ބަދަލުވެެގެން އެއް ޝަކުވާ ހުށަހަޅާފައި ވެއެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުންނެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތާރީހުތައް
- 30 ޖެނުއަރީ - އިންތިހާބު އިއުލާނު ކުރުން
- 30 ޖެނުއަރީ - 10 ފެބްރުއަރީ: ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުން
- 31 ޖެނުއަރީ - 14 ފެބްރުއަރީ: ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު
- 31 ޖެނުއަރީ - 19 ފެބްރުއަރީ: އޮބްޒާވަރުން އަދި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު
- 1 ފެބްރުއަރީ - 7 ފެބްރުއަރީ: ރީ-ރަޖިސްޓްރޭޝަން މުއްދަތު
- 16 ފެބްރުއަރީ - ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާނު ކުރުން
- 16 ފެބްރުއަރީ - 23 ފެބްރުއަރީ: މަންދޫބުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު
- 17 މާޗް - އިންތިހާބު ބާއްވާ ތާރީހު
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރިއަށް އޮތް 20 ވަނަ ދައުރަށް 93 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ.













