ބާރަށް ދުއްވި ސައިކަލެއް ފާރެއްގައި ޖެހި ރޭ ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.
ފުވައްމުލަކު ސިޓީގެ ބޮޑުފަންނު މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި އެކްސިޑެންޓުވެގެން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 22:15 ހާއިރު ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އެކްސިޑެންޓުވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަމަށެވެ. ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އާބާދީގައި 12,790 މީހުން ހިމެނޭ ފުވައްމުލަކަކީ ރާއްޖޭގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ތަނެވެ. ބިމުގެ ބޮޑުމިނުގައި 491.7 ހެކްޓަރު ހުންނަ ފުވައްމުލަކުގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ.













