ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިބާހުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ލަސްނުކޮށް ޝަކުވާ ހުށަހެޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިބާހުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށެހެޅުމުގެ ފުރުސަތު މިއަދު މެންދުރުފަހު 3:00 އަށް ހަމަވާނެ އެވެ. އެ ފުރުސަތު ދެން ހުޅުވާލާނީ، އެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތެވެ. އެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 30 އިން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޝަކުވާ ހުށަހަޅަން ދޭ މުއްދަތު ފާއިތުވާ ފަހުން، ޝަކުވާ ހުށަހެޅި ނަމަވެސް އެ ޝަކުވާއެއް ބަލައި ނުގަނެވޭނެ ކަމަށެވެ.
"މިއަދު 3:00 އަށް މުއްދަތު ހަމަވާނެ، މުއްދަތު ހަމަވުމަށްފަހު ޝަކުވާ ހުށަހެޅުމަށް ދެވަނަ ފުރުސަތެއް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ 1414 އަށް އެސްއެމްއެސް ކޮށްގެންނާއި އެ ނަންބަރަށް ގުޅައިގެން ވެސް ލިސްޓުގައި ނަން އޮތްތޯ ޗެކް ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ނަން ހިމަނަނީ ނެޝަނަލް ރެޖިސްޓްރޭޝަންގައި ވާ މައުލޫމާތާއި އެއްގޮތަށެވެ.

ހާބީބު ވިދާޅުވި ގޮތުގައި އިއްޔެގެ ނިޔަލަށް 392 ޝަކުވާއެއް ލިސްޓަށް ހުށަހަޅާފައިވާއިރު، އެންމެ ގިނައީ އެޑްރެސް ބަދަލުވެގެން ހުށަހަޅާފައިވާ ޝަކުވާ އެވެ.
މި ހިނގާ ޖެނުއަރީ 30، ވަނަ ދުވަހު ލިސްޓް އާންމު ކުރާނީ، މިހާރު ހުށަހަޅާފައިވާ ޝަކާތަކާ ގުޅިގެން ގެންނަންޖެހޭ ބަދަލުތަކާއެކު ކަމަށެވެ. އެހެންކަމުން އަލުން ލިސްޓު ނެރުމުން ވެސް، ވެސް ޗެކު ކުރުމަށް އިލެކްޝަން ކޮމިޓަނުން އިލްތިމާސް ކުރެ އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތާރީހުތައް
- 30 ޖެނުއަރީ - އިންތިހާބު އިއުލާނު ކުރުން
- 30 ޖެނުއަރީ - 10 ފެބްރުއަރީ: ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުން
- 31 ޖެނުއަރީ - 14 ފެބްރުއަރީ: ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު
- 31 ޖެނުއަރީ - 19 ފެބްރުއަރީ: އޮބްޒާވަރުން އަދި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު
- 1 ފެބްރުއަރީ - 7 ފެބްރުއަރީ: ރީ-ރަޖިސްޓްރޭޝަން މުއްދަތު
- 16 ފެބްރުއަރީ - ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާނު ކުރުން
- 16 ފެބްރުއަރީ - 23 ފެބްރުއަރީ: މަންދޫބުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު
- 17 މާޗް - އިންތިހާބު ބާއްވާ ތާރީހު
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރިއަށް އޮތް 20 ވަނަ ދައުރަށް 93 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ.













