އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ އެ ކޮމިޝަނުގެ މެމްބަރެއްގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ކޮމިޝަނުގެ މެމްބަރެއްގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ދިނީ 13 ދުވަހުގެ މުއްދަތެކެވެ. އެ ފުރުސަތު އޮންނާނީ ޖެނުއަރީ 30، ގެ ނިޔަލަށެވެ. ނަމަވެސް ފޯމު ބަލައިގަންނާނީ ޖެނުއަރީ 29، އަދި ޖެނުއަރީ 30، ވަނަ ދުވަހު އެކަންޏެވެ.
ކޮމިޝަނުގެ ނައިބު ރައީސް ހަބީބު އެ ކޮމިޝަނުގެ މެމްބަރެއްގެ މަގާމަށް އައްޔަނު ކުރީ މާޗް 13، 2019 ގަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ހޮވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ނަމަވެސް އެ މަޖިލީހަށް ނަން ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ފަސް މެމްބަރުން ތިބެންޖެހެ އެވެ. ހަބީބުގެ އިތުރުން އެ ކޮމިޝަނުގެ މެމްބަރުންނަކީ ރައީސް ފުއާދު ތައުފީގާއި ޑރ. މުހައްމދު ޒާހިރާއި މުހައްމަދު އާސިފް އާއި އަލީ ނަޝާތެވެ.

ހަބީބުގެ އިތުރުން ދެން އެންމެ އަވަހަށް ހަމަވާނީ ފުއާދުގެ ދައުރެވެ. އޭނާ މެމްބަރު ކަމަށް އައްޔަނު ކުރީ ނޮވެމްބަރު 24، 2019 ގަ އެވެ. އާސިފް އައްޔަނު ކުރީ ސެޕްޓެމްބަރު 6، 2021، ގަ އެވެ. ޑރ. ޒާހިރު ފެބްރުއަރީ 21، 2021 ގައި މަގާމަށް އައްޔަނު ކުރިއިރު ދެ ވަނަ ދައުރަކަށް ނަޝާތު އައްޔަނު ކުރީ ނޮވެމްބަރު 16، 2023 ގަ އެވެ.












