ވެރި ރަށް މާލޭގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން ހޮވުމަށް މާދަމާ ބާއްވާ އިންތިހާބުގައި ވޯޓުލާން ދީފައިވާ ވަގުތު އެއް ގަޑިއިރަށް ދަންމާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ވަގުތު ކުރިއަލާ އިތުރު ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވާނެ ކަމަށް ބެލެވޭތީ ކަމަށެވެ. ވޯޓުލުން ފެށޭނީ ހެނދުނު 8:00 ޖަހާއިރެވެ. މިހާރު ހަމަޖެއްސި ގޮތުން ވޯޓުލުން ނިމޭނީ ހަވީރު 5:00 ޖަހާއިރެވެ.
"މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ، ވޯޓުލުން ނިމޭގަޑި ހަވީރު 5:00 ގެ ނިޔަލަށް އިތުރުކުރުމަށް ކޮމިޝަނުންވަނީ ނިންމާފަ،" ކޮމިޝަނުން ބުނެފައިވެ އެވެ.
މާދަމާ ބާއްވަނީ މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބެވެ. އޭގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރަކު ހޮވުމަށް ވެސް މާދަމާ ވޯޓުލާނެ އެވެ.
މާލޭގެ މޭޔަރަކު ހޮވުމަށް މާދަމާ ބާއްވާ އިންތިހާބުގައި ގާތްގަނޑަކަށް 55،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު ހަތަރު ކެންޑިޑޭޓަކު މަގާމަށް ވާދަ ކުރެ އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީ އެވެ.













