ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ސައްހަ ނޫން ނޫޓުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެދިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ސައްހަނޫން ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް އެ އިދާރާއަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށާއި އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެގޮތުން ފުލުހުން ވަނީ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީ ޑޮލަރުގެ މުއާމަލާތްކުރާއިރު ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.














