މި އަހަރުގެ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމައިފި އެވެ.
މި ނިންމުމާއެކު މަޖިލިސް އިންތިހާބު އޮންނާނީ މާޗު މަހުގެ 11 ގައި ފެށޭ ރޯދަ މަހުގެ ހަ ވަނަ ދުވަހު އެވެ.
އީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބު ރޯދަ މަހު ބާއްވަން ނިންމީ އެއަށްފަހު ބާއްވަން މަސައްކަތް ކޮށްފިނަމަ ދިމާވާނެ އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމުން ކަމަށެވެ.
އެގޮތުން، ފިތުރު އީދަށްފަހު އަންނަ ހަފުތާއަކީ މިހާރު އިސްލާހު ކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ސްކޫލުތަކުގެ އިމްތިހާނު ދުވަސްތައް ކަމުން އެ ހަފުތާ، އިންތިހާބުގެ ބޭނުންތަކަށް ސްކޫލުތައް ނުލިބުން އީސީއިން ފާހަގަކޮށްފައިވެ އެވެ.
އަދި މި ނިންމުން ނިންމީ ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ނިންމާފައިވާތީ "ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ" ކަމަށްވެސް އީސީއިން ބުނެފައިވެ އެވެ.

މީގެ ކުރިން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން ނިންމާފައި އޮތީ މި ހަފުތާގެ އާދިއްތައިގަ އެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ, އެމްޑީޕީން ފޮނުވި ސިޓީއަކާ ގުޅިގެން އީސީއިން އެ ޕާޓީއާއެކު މަޝްވަރާތަކެއް ބޭއްވި އެވެ.
އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބު ބާއްވާ ތާރީހު ކަނޑައަޅާނީ އާންމު ރައްޔިތުންނާއި ކެންޑިޑޭޓުންނަށް ފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އަދި, އެކަން އިންތިޒާމު ކުރުމަށް އީސީއަށް ހުރި ގޮންޖެހުންތަކަށް ބަލައި, ނިންމާނީ އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ތާރީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޯދަ މަސް ތެރޭގައި ބާއްވައިފިނަމަ, ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ދަށްވެދާނެތީ އެކަމަށް ވިސްނައި, ކޮމިޝަނަށް ފެންނަ އެންމެ ރަނގަޅު ނިންމުމެއް ނިންމައި އިއުލާން ކުރާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގެ ތާރީހު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އީސީއަށް ލަފާ ދިނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. އެހެން ނަމަވެސް ރޯދައިގެ ފަހަށް އިންތިހާބު ލަސްކޮށްފި ނަމަ ދެ ވަނަ ބުރަކަށް ދާންޖެހޭ ހާލަތުގައި އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެތީ ދަތިވާނެ ކަމަށް ހަބީބް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.












