ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، ދިވެހި ސަފީރު އިންޑިއާގެ ހާރިޖިއްޔާ އަށް، އަދި އިންޑިއާގެ ސަފީރު ދިވެހި ހާރިޖިއްޔާ އަށް އިއްޔެ ހާޒިރުކުރި އެވެ.
ނިއު ދިއްލީގައި ހުންނަވާ ސަފީރު، އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރު ކުރީ އިއްޔެ ހެނދުނު 9:00 ގަ އެވެ. އެ ބައްދަލުވުން ވަރަށް އަވަހަށް ނިންމައިލި އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީ އަށް ހާޒިރުކުރީ އިއްޔެ މެންދުރު 12:00 އަށެވެ. ނަމަވެސް ނަމަވެސް، އިންޑިއާ އެމްބަސީން ބުނެފައި ވަނީ އެއީ ދުރާލައި ތާވަލުކުރެވިފައި އޮތް ބައްދަލުވުމެއް ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެ ގައުމުން ވެސް ނުދެ އެވެ.
އާންމު ގޮތެއްގައި ސަފީރުން ހާޒިރު ވުމަށް އަންގަނީ، ދެ ގައުމުގެ ދެމެދުގައި އުފެދޭ ބޮޑެތި މައްސަލަތަކުގައި ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. މިވަގުތު ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ޑެޕިއުޓީ މިނިސްޓަރުން މޯދީ އަށް މަލާމަތް ކުރި މައްސަލަ އެވެ.

މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފައިވާތީ ސަސްޕެންޑުކުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އެވެ.
އެ ބޭފުޅުންގެ ތެރެއިން މަލްޝާ އާއި ޝިއުނާ އަކީ, ރައީސް ޑރ. މުހައްމަދު މުއިއްޒު، މޭޔަރުގެ މަގާމުގައި ހުންނެވި އިރުން ފެށިގެން އެ މަނިކުފާނާ އަރިސް ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ވެސް އޭރު ވަޒީފާ އަދާކުރެއްވީ ސިޓީ ކައުންސިލްގަ އެވެ.
މިއީ އިންޑިއާގެ ބޮޑުވަޒީރަށް ފާޑުކިޔައިގެން ސަރުކާރުގެ އިސް އޮފިޝަލުންތަކަކަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.
މައްސަލަ ހޫނުވެގެން ދިޔައީ، އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4 ގައި އެކްސްގައި ކުރި ޕޯސްޓަކަށް ދިވެހި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި، ކުރިން އިންޑިއާ އައުޓު ހަރަކާތް ހިންގި ބައެއް މީހުން ކުރެއްވި ކޮމެންޓާ ގުޅިގެންނެވެ.
"މިސްޓަ ސިންހާ" ގެ ނަމުގައި އުފައްދާފައިވާ އެކްސްގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ މޯދީ ލަކްޝަދީބު ޕްރޮމޯޓު ކުރުމަކީ އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ޗައިނާގެ ޕަޕެޓު ސަރުކާރެއް ކަމަށް ބުނެފައިވެ އެވެ.
އެ ޕޯސްޓަށް ރައްދެއްގެ ގޮތުގައި ޝިއުނާ ކުރެއްވި ޕޯސްޓުގައި މޯދީ އަކީ "ކްލައުނެއް" ކަމާއި އިޒްރޭލުގެ "ޕަޕެޓެއް" ކަމަށް ވިދާޅުވެފައިވެ އެވެ. އެ ޕޯސްޓާ ގުޅިގެން ޝިއުނާ އަށް އޮއްސައިލި ފާޑުކިޔުމާ ގުޅިގެން ޕޯސްޓް ޑިލީޓުކުރެއްވި އެވެ. މަލްޝާ ކުރެއްވި ޕޯސްޓު ވެސް ޑިލީޑް ކުރެއްވި އެވެ.
މި މައްސަލައިގައި އެކްސް (ކުރިން ޓްވިޓާ) ގައި އުފެދުނު "ހަނގުރާމަ" ގޯސްވެގެން ދިޔައީ ބޮއިކޮޓްމޯލްޑިވްސް ކެމްޕޭނުގައި އިންޑިއާގެ ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުން ބައިވެރިވާން ފެށި ހިސާބުންނެވެ.
އެ ބޮއިކޮޓް ކެމްޕޭނާ ގުޅިގެން ޓޫރިޒަމް ދާއިރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއީ ރާއްޖެއަށް ގެއްލުން ބޮޑުވާނެ ކެމްޕޭނެއް ކަމަށް ބުނެ އެވެ.












