ފުލުހުންނަަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އޭސީސީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ޕްރޮމޯޝަން ދިނުން މަޑުޖައްސާން އެ ކޮމިޝަނުން ފުލުހުންނަށް އެންގި އެވެ. ނަމަވެސް, ކޮމިޝަނުގެ އެންގުމަށް ބެލުމެއް ނެތި، ފުލުހުންގެ މުއައްސަސާއިން ވަނީ ބައެއް ފުލުހުންނަށް ޕްރޮމޯޝަން ދީފަ އެވެ.
މި މައްސަލައާ ގުޅިގެން އޭސީސީން އެދުނު ގޮތަށް އަމަލުކޮށްފައި ނުވާތީ ފުލުހުންނާ ދެކޮޅަށް ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިޔުމަށް އޭސީސީން ނިންމީ ނޮވެމްބަރު 23, 2023 ގައި ބޭއްވި އެ ކޮމިޝަނުގެ މަޝްވަރާ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. އޭސީސީން މިހާރު ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ފުލުހުން އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން އެދުމުން ނޮވެމްބަރު 13, ގައި ހުސައިން ޝަމީމް ވަނީ އޭސީސީން ގާނޫނީ އަސާސެއް އެ އެންގުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި, އެ ކަމަށް ރިއާޔަތްކޮށް އެ އެންގުމަށް ތަބާވުން ލާޒިމު ނޫން ކަމަށް ޕީޖީ ލަފާ އެރުއްވި އެވެ.

އިންތިހާބާ ދިމާކޮށް ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް ނިންމައި އެކަން ހުއްޓުވައިދޭން އޭސީސީން އެދުނު ނަމަވެސް މި ނިމެމުންދާ 2023 ވަނަ އަހަރު ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް އެކި ފަހަރު މަތިން ފިނޭންސްގެ ހުއްދައަށް އެދިފައިވާކަން އެނގެ އެވެ. އެކަމާ ގުޅޭގޮތުން ހުރި ހުރިޔާ ލިޔެކިޔުމެއް ވެސް އޭސީސީއަށް ދީފައިވެ އެވެ.
ފިނޭންސްގެ ހުއްދަ އާއެކު އެކި ފަހަރު މަތިން 920 ފުލުހުންގެ ގްރޭޑް މަތިކޮށް 539 ފުލުހުންގެ ރޭންކް މަތިކޮށް އެ ހިދުމަތުގައި މަސައްކަތްކުރާ 168 އާންމު މުވައްޒަފެއްގެ މަގާމު މިއަހަރުގެ ތެރޭގައި މަތިކޮށްފައިވާކަން ލިޔެކިޔުންތަކުން ސާފުވެ އެވެ.
އޭގެ އިތުރުން, ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކުރިއެރުން ދިނުމަށް ހުށަހެޅުމުގެ ފުރުސަތު އެ ހިދުމަތުގެ އެތެރޭގެ ދެންނެވުމަކުން ތިން ފަހަރެއްގެ މަތިން އާންމުކޮށް ހުޅުވާލި އެވެ. އެންމެފަހުން އެފަދަ ފުރުސަތަކަށް ހުޅުވާލީ އިންތިހާބުގެ ދެ ބުރުގެ ދޭތެރެއިން, ސެޕްޓްމެބަރު 26، ވަނަ ދުވަހު އެވެ.
ކުރިއެރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދުނު ފުލުހުންނާއި އާންމު މުވައްޒަފުންނަށް ވެސް ކުރިއެރުން ދިނުމަށް ފިނޭންސްގެ ހުއްދަ ލިބުމާ އެކު ނޮވެމްބަރު 14, ގައި 220 ފުލުހުންނަށް ރޭންކުގެ ކުރިއެރުން ދީފައިވެ އެވެ.













