ދިވެހި ޒުވާނުން އިސްލާމް ދީނަށް އަހުލުވެރި ކުރުވައި ހަރުދަނާ ޖީލެއް ބިނާ ކުރުމުގެ އަމާޒުގައި "ރިސާލަތު" ޕްރޮގްރާމެއް ނަމުގައި ހާއްސަ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން އިފްތިތާހު ކޮށްފި އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު އިސްލާމިކް މިނިސްޓްރީން އެކުލަވާލި ސްޓެރެޓެޖިކް ޕްލޭންގައި މި ޕްރޮގްރާމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް، ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.
މި ޕްރޮގްރާމަކީ ދިވެހި ރައްޔިތުން އިސްލާމް ދީނުގެ ރުކުންތަކަށް އަހުލުވެރި ކުރުމާއި ކީރިތި މާތް ނަބިއްޔާގެ ސަހާބީން ފަދައިން އިސްލާމް ދީނުގެ އަސާސްތަކުގައި ހިފަހައްޓައި މުޖުތަމައުގެ އެއްބައިވަންތަކަމާއި ހަމަޖެހުމަށް ލޯބި ކުރާ ޖީލެއް ބިނާ ކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ފަސް އަހަރުގެ ޕްލޭނެއްގެ ފުރަތަމަ ބައި، މި އަހަރު ކުރިއަށް ދާނީ މީގެ ފުރަތަމަ ބައި،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގެ ދަށުން މައުލޫމާތު ފޯރުކޮށް ދެމުން ދާނީ އިސްލާމްކަން، އީމާންކަން އަދި އިހްސާންކަން، މި ތިން މައުލޫއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޕްރޮގްރާމް އަމާޒު ކުރާނީ ދަރިވަރުން، ޒުވާނުން، މުދައްރިސުންނާއި ބެލެނިވެރިން، އަންހެނުން އަދި ޖުމްލަކޮށް އާންމު ރައްޔިތުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސޯޝަލް މީޑިޔާ މެދުވެރިކޮށް އަދި ހަބަރު ފަތުރާ ވަސީލަތްތަކާ ގުޅިގެން ދިވެހިންނާއި އިނގިރޭސިން މި ޕްރޮގްރާމްގެ ބައިތައް ކުރިއަށް ގެންދެވޭނެ، ބޭނުމަކީ އިސްލާމް ދީނަކީ މެދު މިނަށް ލޯބި ކުރާ ދީނެއްކަން ރާއްޖެއާ ބޭރު ދުނިޔެއަށް ވެސް ހާމަ ކުރަން، ބޭނުން ވަނީ މި މިނިސްޓްރީ އަކީ އެކަމުގައި ލީޑު ކުރާ ބަޔަކަށް ވާން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރާވާފައި އޮތީ ހުތުބާ، ދަރުސް، މީޑީޔާ ޕްރޮގްރާމްތަކާއި ފޯރަމް އަދި ސެމިނާތައް މެދުވެރިކޮށެވެ. އަދި އުމްރާ ޓުއާ ތަކާއި ސްކޫލް އެގްޒިބިޝަނާއި ފެއާ ތަކާއި އެކި ކަހަލަ މުބާރާތްތައް މެދުވެރިކޮށް ވެސް މި ޕްރޮގްރާމް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޕްރޮގްރާމްގެ ތެރޭގައި ކޮންމެހެން އެނގެން ޖެހޭ އިސްލާމީ މައުލޫމާތު ފޯރުކޮށް ދީ، އިސްލާމް ދީނާ މެދު އުފައްދާ އެކި ކަހަލަ މައްސަލަތަކުން ރައްކާތެރިވާން ދަސްކޮށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދެ އެވެ.












