މޯލްޑިވްސް އިސްލާމިކް ބޭންކާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުއާ ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކުރި އެވެ.
މި މަހު 13 ވަނަ ދުވަހު ބާއްވާ މާލެ ސިޓީގެ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާގެ މައްޗަށް ސިވިލް ކޯޓުން އެ ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އެއީ ލޯނެއް ނަގައިގެން ފްލެޓެއް ގަނެފައިވާ މައްސަލައެއްގަ އެވެ.
ޑިމިނިޝިން މުޝަރަކާ (ޑީއެމް) އަކީ އެސެޓެއް ނުވަތަ މުދަލެއްގެ ޖޮއިންޓް އޯނާޝިޕްގެ ގޮތެކެވެ. އޭގައި ޖޮއިންޓް އޯނަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އަނެއް ޖޮއިންޓް އޯނަރުގެ މިލްކުވެރިކަމުގެ ހިއްސާ މަޑުމަޑުން ގަންނަމުން ގޮސް ޖޮއިންޓް އެސެޓް ނުވަތަ މުދަލުގެ މިލްކުވެރިކަން އެއްކޮށް ބަދަލުކުރެވޭނެ އެވެ.
ޑިމިނިޝިން މުޝަރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން އިއްޔެގެ ނިޔަލަށް 4،030،856ރ. ބާކީ އޮތް ކަމާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499ރ. އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް، ގާޒީ ޒުލައިހާ ޝީޒާ ކުރެއްވި ހުކުމުގައިވެ އެވެ.
އެހެންކަމުން ޖުމުލަ 4،156،355 ރ. އަކީ އާޒިމާގެ ފަރާތުން އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ފައިސާ ކަން ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ. ކޮންމެ މަހަކަށް ޖެހޭ ފައިސާގެ އަދަދަށް ވުރެ މަދު ނޫން އަދަދަކަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ހުކުމުގައި އަންގާފައިވެ އެވެ. އެއީ ހަ މަސް ދުވަހަށް ބަހާލާނަމަ މަހަކަށް 692،725.8 ރ. އެވެ.

އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައި ވާއިރު، ފައިސާ ދައްކާ ނިމެންދެން ރަހުނުގެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމި އޮންނާނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
އެ ހުކުމަކީ ޒާތީ ހަމަލާއެއްގެ ގޮތުގައި އާޒިމާ ރޭ ވަނީ ސިފަ ކުރައްވައިފަ އެވެ.













