ސަރުކާރު ހަރަދުގައި ބޯން މެރޯ ހެދުމަށް ތެލެސީމިއާ ދެ ޕޭޝަންޓަކު ރާއްޖެއިން ބޭރަށް ފުރައިފި އެވެ.
ހަފްތާ 14 ގެ ސިއްހީ ވައުދުގެ ދަށުން ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިދިޔަ ޑިސެމްބަރު 14، ގައި ވެސް ކުއްޖަކު ފުރާފައިވެ އެވެ.
އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ދަނީ ތައްޔާރުވަމުން ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.
ތެލަސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް މިހާރު ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯން މެރޯ ޓްރާސްޕްލާންޓް ހަދަން މަގުފަހިކޮށް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ޑިސެމްބަރު 10، ގަ އެވެ.
ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދޭ ގޮތުގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އެޗްއެލްއޭ ޓެސްޓް ހަދާފައި ތިބި އިތުރު ކުދިންގެ ފައިނަލް އެސްސްމަންޓް ހެދުމަށް ރާއްޖެއިން ބޭރުގެ ފަންނީ ޓީމެއް ވެސް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަ ދެ އެވެ. އެ ޓީމުން އެސްސްމަންޓް ހަދައި، ހޮވިފައިވާ ކުދިން މި ފަރުވާއަށް ދިޔުމަށް ހަމަޖެހިފަައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެ އެވެ.

"ސަރުކާރުން މިހާރު ދަނީ އެޗް.އެލް.އޭ ހަދަން ބޭނުންވާ ކުދިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހަދަންޖެހޭ ޓެސްޓްތައް ރާއްޖޭގައި ތިބެގެން ހެދުމުގެ އިންތިޒާމު ހަމަޖައްސަމުން، އެގޮތުން ބޭރުގެ ޓީމެއް މި ޖެނުއަރީ މަހު ރާއްޖެ ވަޑައިގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް އަދި ސެޓްއަޕް ހަމަޖައްސައި, އެޗް.އެލް.އޭ ހަދަން ބޮޑު ކޭމްޕެއް އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް މިހާރު ރާވާފައިވޭ، މި ކޭމްޕްގައި އެޗް.އެލް.އޭ ހަދަން ނަގާ ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓް ކުރެވޭނެ،" ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.
ތެލެސީމިއާ ކުދިންނަށް ފަސޭހައިން ބޭހާއި ކޮންސިއުމަބަލް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި, އެސްޓީއޯއާއެކު އެއްބަސްވުމެއް ހަދައި, ރަށުގައި ތިބެގެން ބޭސް ލިބޭނެ އިންތިޒާމް ވެސް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެ އެވެ.
އޭގެ އިތުރުން، މިހާރު ޕްރައިވެޓް ހެލްތު ކެއާ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ "ޓީ 2 ސްޓާ ޓެސްޓް" ހެދުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުގެ ހޮސްޕިޓަލުގައި ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ދެ އެވެ. އެ ހިދުމަތް އަންނަ ފެބުރުއަރީ މަހު ފަށާނެ ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.
"ސަރުކާރުގެ 14 ހަފްތާގެ މި ވައުދުގެ ދަށުން ވީހާވެސް ގިނަ ކުދިންނަށް ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ސަރުކާރުން ދަނީ މިކަމަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް ވެސް މަސައްކަތް ކުރަމުން،" ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދެ އެވެ.
އެ ފަރުވާ ފުޅާ ކުރުމުގެ ގޮތުން ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން ކުރު ރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯން މެރޯ ހެދުމަށް ކަނޑައެޅޭ އަދަދަކަށް ކޮންމެ އަހަރަކު ބޯންމެރޯ ހެދުމަށް ފޮނުވުމަށް ނިންމާފައިވާ ކަން ސަރުކާރުން ހާމަކޮށްފައިވެ އެވެ.
ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރު ކުރުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އަދި ވަށާޖެހޭ ހައްލެއްގެ ގޮތުން ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމު ކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.












