އާސަންދައިން ހެލްތު ޗެކަޕް ހެދުމުގެ އުސޫލު ކަނޑައަޅައި، އެ ހިދުމަތް އިއްޔެ ތައާރަފުކުރި އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ މެޑިކަލް ޗެކަޕް ތައާރަފުކުރީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި، މެޑިކަލް ޗެކަޕްގެ ޕެކޭޖުތައް ހަދާފައި ވަނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ބޮޑެތި ބަލިތައް ދުރާލައި ދެނެގެނެވޭނެ ގޮތަށް ކަމަށެވެ.
މި ޗެކަޕްގެ ޕެކޭޖުތައް އެކުލަވައިލުމުގައި ވޭތުވެދިޔަ ތިން އަހަރު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުންގެ އަދަދާއި އުމުރުފުރާގެ މައްޗަށް ބަލާފައިވާ ކަމަށާއި، އަދި އެކަމަށް ފަންނީ ބޭފުޅުންގެ ލަފާ ހޯދި ކަމަށް ވެސް ޒީނިޔާ ވިދާޅުވި އެވެ.
ހެލްތު ޗެކަޕް ހެދޭނީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން އެކަންޏެވެ. އެހެންވެ، މިއަދުން ފެށިގެން އެ މީހަކު ބޭނުންވާ ކޮންމެ ތަނަކުން ޗެކަޕް ހެދުމަށް ރަޖިސްޓްރީކުރަން ފެށޭނެ އެވެ.
މި ހިދުމަތް ތައާރަފު ކުރި ނަމަވެސް އޭޕްރީލް މަހާ ހަމައަށް ޗެކަޕް ހެދޭނީ ހަމައެކަނި އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. ފުރަތަމަ އެ އުމުރުފުރާ އަށް ތައާރަފު ކުރީ، ބޮޑެތި ބަލިތައް ތަހައްމަލުކުރާ ގިނަ މީހުންނަކީ އެ އުމުރުފުރައިގެ މީހުންނަށް ވުން ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

މެޑިކަލް ޗެކަޕް ތައާރަފުކުރާ މަރުހަލާ، އަދި އުމުރުފުރާ
- އުމުރުން 50 އަހަރުން މަތި: ޖެނުއަރީ 1، 2024
- އުމުރުން 35 އަހަރާއި 49 އަހަރުގެ މީހުން: އޭޕްރީލް 1، 2024
- އުމުރުން 19 އަހަރާއި 49 އަހަރުގެ މީހުން: ޖުލައި 1، 2024
- 19 އަހަރުން ދަށުގެ ކުދިން: އޭޕްރީލް 1، 2024
މެޑިކަލް ޗެކަޕްގައި ހިމެނެނީ ލޭ، ކުޑަކަމުދާ ތަކެތި، ބޮޑުކަމުދާ ތަކެތީގެ ޓެސްޓުތައް އަދި އީސީޖީ ކަމަށް ޒީނިޔާ ވިދާޅުވި އެވެ. ހެލްތު ޗެކަޕްގައި އެކްސްރޭއެއް ނުހިމެނެ އެވެ.












