މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދެ އޮޕަރޭޝަނުގެ ތެރެއިން ފުރަތަމަ އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ކެފޭއެއް ބަލައިފާސްކޮށް، ބަނގުރަލާ އެކު ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިޔާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި, އެ ކެފޭ ބަލައިފާސްކުރިއިރު ހަތް ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ބުންޏެވެ.
އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރުތުކޮށް ދޫކޮށްލާފަ އެވެ.
ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައިފާސްކޮށް، 34 ފުޅި ބަނގުރަލާއެކު 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށާއި އެމީހުން މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.












