ހުތުބާ ކިޔާ މަންޒަރު މުޅި އިސްލާމީ މަރުކަޒަށް ފެންނާނެހެން ހެދުމަށްޓަކައި ސްމާޓް ޓީވީ ހަރުކޮށްފި އެވެ.
އިސްލާމިކް މިނިސްްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އަދަދު" ނޫހަށް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި 98 އިންޗީގެ ޓީވީ ހަރުކޮށް ނިންމައި، މިއަދު ހުތުބާ ކިޔަމުން ދިޔައިރު ހުކުރަށް ގޮސް ތިބި މީހުންނަށް ފެންނާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ ރިސާލަތު ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ހިމެނޭ ކަމެއް ކަމަށްވާތީ، މިނިސްޓްރީން މަސައްކަތްކުރާނީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކަމަށެވެ.
އިސްލާމީ މަރުކަޒުގައި ޓީވީތައް ހަރުކުރީ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ގެ އެހީތެރިކަމާއެކު އެވެ.
ޝަހީމް ވިދާޅުވީ އަމާޒަކީ ބޮޑެތި ހުރިހާ މިސްކިތް ތަކުގައި ޓީވީ ހަރުކުރުން ކަމަށެވެ.

ހުތުބާ ކިޔާ މީހާ ފެންނަން ހުރުމަކީ ޝައުގުވެރިކަން ބޮޑުވާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ހުތުބާ އަޑު އަހަން އިތުރު ސަމާލުކަން ދޭނެ ކަމަށާއި މިސްކިތުގައި އިންނައިރު ވެސް އިޝާރާތުގެ ބަހުން ސްކްރީނުން ފެންނަން ހުރުމުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހުތުބާ ބުނެދެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.












