ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދަައުރު މިއަދަށް ހަމަވި ނަމަވެސް ގާނޫނުގައި ބުނާ ގޮތަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް މެންބަރުން އެދިވަޑައިގެންފި ނަމަ އެ ޖަލްސާއަކަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާ ފެށްޓެވުމުގެ ގޮތުން އިއްވި ބަޔާނުގައި އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާއަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާ ކަމަށެވެ. އެހެން ނަމެވެސް ސަރުކާރުން ހުށަހަޅުއްވާފައިވާ މުހިންމު މައްސަލައެއް ކަމުގައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ މަސައްކަތް ވަނީ ނުނިމި ކަމަށެވެ.
"މި މައްސަލައިގެ ރިޕޯޓު ކޮމެޓީން ނިންމައި ފޮނުއްވުމުން އިއްޒަތްތެރި މެންބަރުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ގަވާއިދުގައި ވާގޮތަށް ގޮތުގެ މަތިން އެދިވަޑައުގެންފިކަމަށް ވަނީނަމަ އެ ޖަލްސާއަކަށް އެ ރިޕޯޓު އެޖެންޑާކޮށް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ނިންމުމަށް މަސައްކަތް ކުރާނެ ވާހަކަ ވެސް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.
ގާނޫނުގައި ބަޔާން ކޮށްފައި ވަނީ ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު އޮންނަން ވާނެ ކަމަށެވެ. ދައުރުތައް ފަށާ ދުވަހާއި ނިންމާ ދުވަސް ވެސް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ. އެގޮތުން މި ހިނގާ އަހަރުގެ ތިން ވަނަ ދައުރު ނިމޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި ވަނީ ނޮވެމްބަރު މަހުގެ އެންމެ ފަހު ދުވަހެވެ. ނަމަވެސް މުހިންމު މަސައްކަތްތަކެއް ނުނިމު ހުރުމުން ތިންފަހަރެއްގެ މަތިން ދައުރު ދަންމާލައި ޖަލްސާތައް ކުރިއަށް ގެންދިޔައީ އެވެ.
މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މީގެ ކުރިން ވަނީ ކޮމެޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ. ނަމަވެސް އެ މައްސަލަ އަލުން ދިރާސާ ކުރުމަށް އަނބުރާ ކޮމެޓީއަށް ފޮނުވައިލީ ވުޒާރާތަކުގެ މެންޑޭޓުތައް މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.

އެ މައްސަލަ އަލުން ދިރާސާ ކުރުމަށް މިމަހު 23 ވަނަ ދުވަހު ބާއްވަން ތާވަލު ކުރި ކޮމެޓީ ބައްދަލުވުން ވަނީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވެސް ހިމެނޭހެން ކޯރަމް ހަމަވާ ވަރަށް މެންބަރުން ހާޒިރު ނުވުމުން ކެންސަލް ކޮށްފަ އެވެ.
މި ސަރުކާރުން ވަނީ ވަޒީރުންގެ މަގާމަށް 22 ބޭފުޅަކު އައްޔަންކޮށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފަ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެކުލަވައިލި އެންމެ ގިނަ ވަޒީރުން ހިމެނޭ ކެބިނެޓެވެ. މި ކެބިނެޓުގައި އަންހެން ބޭފުޅުންގެ އަދަދަކީ ތިނެކެވެ.
އާ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:
- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫން
- މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު
- މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު
- އެޓާނީ ޖެނެރަލް އަހްމަދު އުޝާމް
- މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން
- މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
- މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު
- މިނިސްޓާ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް
- މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު ޑރ. އަލީ ހައިދަރު
- މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- މިނިސްޓާ އޮފް ހެލްތު ޑރ. އަބްދުالله ހަލީލް
- މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް
- މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު
- މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން
- މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ
- މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްތޮލިބު
- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ
- މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް
- މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ ތޯރިގު އިބްރާހިމް
- މިނިސްޓާ އޮފް ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އިބްރާހިމް
- މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)
- މިނިސްޓާ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުالله ރާފިއު
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ ބައެއް ބޭފުޅުންނަށް އެމްޑިޕީން ރުހުން ނުދިނުމަށް މަޝްވަރާތަކެއް ކޮށްފައިވެ އެވެ. އެމްޑީޕީގެ 56 މެންބަރުން މި ހިނގާ 19 ވަނަ މަޖިލީހުގައި ތިއްބަވަ އެވެ. އެހެންކަމުން އެމްޑީޕީގެ ރުހުން ނެތް ކެބިނެޓް ނުލެވޭނެ އެވެ.













