އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމުގެ ބަދަލުގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަކީ ކުރިން އޮތް ގޮތަށް ވަކި ކުންފުންޏަކަށް ބަދަލުކޮށްފި އެވެ.
މިފްކޯ ހިންގަމުން އައީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި، އެލައިޑް އިންޝުއަރެންސް ކުންފުނީގެ 0.01 ޕަސެންޓް ހިއްސާ އާއެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގަ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށްފައިވާކަން ސަރުކާރުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، ކުންފުނީގެ ހިއްސާ ބަދަލުކުރުމުގެ އެއްބަސްވުމުގައި މި މަހުގެ 20 ގައި ވަނީ ސޮއިކޮށްފަ އެވެ. އަދި, މި ބަދަލާއެކު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކޮށް، މިފްކޯއަށް ބޭނުންވާ މާލީ އެހީ އާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިފްކޯ އަކީ މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން (އެމްއެފްސީ) ގެ ނަމުގައި ހިންގަމުން އައި ކުންފުނީގެ ނަން 1993 ބަދަލުކޮށް ހިންގަމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ކުންފުންޏަށް 30 އަހަރުވެފައިވާއިރު ކޮރަޕްޝަނާއި ސިޔާސީ ނުފޫޒާއި ދޯދިޔާ ހިންގުންތެރިކަމުގެ ސަބަބުން މިފްކޯ ވެފައިވަނީީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހާލުގައި އޮތް އެއް ކުންފުންޏަށެވެ.

ދަރަނިން ސަލާމަތްކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށް ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށީ 2016 ވަނަ އަހަރު އެވެ.













