ފުލުހުން މަޑުކުރަން އެންގުމުން، މަޑުނުކޮށް ދިޔަ ކާރެއް ބަލައި ފާސްކޮށް 53 ބަނގުރާ ފުޅި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
"ޑިސެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިޔުމުން އެކާރު ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް،" ފުލުހުން މައުލޫމާތު ދިނެވެ.
އެގޮތުން މި، އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް އެކެއްގެ ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު 53 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާ ތިންދުވަހަށް ބަންދުކުރުމަށް، އަދި ބިދޭސީ މީހާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.













