ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލާޝިޕް ފަންޑު 2023 ގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުންގެ ނަން ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
މި އަހަރުގެ މި ސްކޮލަޝިޕް ލިބޭ ދަރިވަރުންނަކީ:
• އާމިނަތު އަލްޔާ ޝާވިން
• މުހައްމަދު ސާޖިއު އިސްމާއީލް
• މުހައްމަދު އައިކު އަލީ

މިއީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީއަކުން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ އެވެ.

ބީއެމްއެލްގެ ސްކޮލަޝިޕް ލިބުނު ދަރިވަރެއް
މި ސްކޮލާޝިޕް ޕްރޮގްރާމް ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާ ހޯދާފައިވާ، ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.
މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސް އިން ފެށިގެން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އާއި އެނަލެޓިކްސް ފަދަ ބޭންކިންގއާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތައް ހިމެނޭހެން ތައުލީމް ހާސިލްކުރުމަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ބީއެމްއެލްގެ ސްކޮލަޝިޕް ލިބުނު ދަރިވަރެއް
"މިއަހަރުގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ ގޮތުގައި ހޮވާފައިވާ ތައުލީމީ، ގާބިލު، މި ތިން ދަރިވަރުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. މި ދަރިވަރުންނަކީ ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ، ލީޑަރޝިޕް ހުނަރުތައް ހުރި، ކުރިމަގުގައި ހެޔޮ ބަދަލު ދައްކުވައިދެވޭނެ ފަދަ ދަރިވަރުން. މުޖުތަމައުގެ ލާބައަށް ހާއްސަ ސަމާލުކަމެއްދޭ މިފަދަ ޒުވާނުންގެ ތައުލީމީ ހަޔާތް ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ދިވެހި ގައުމުގެ މުސްތަގްބަލަށްޓަކައި މި ބޭންކަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބީއެމްއެލް ސްކޮލަރޝިޕް ފަންޑު ލިބުނު ތިން ދަރިވަރުން އަންނަނީ ޔޫކޭ އަދި އޮސްޓްރޭލިއާ ގައި މަތީ ތައުލީމު ހާސިލުކުރަމުންނެވެ.













