ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލް އިރުމަތީ މަގުގައި ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ސްކޫލުގެ ފާރުން ބައެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ދެވަނަ ފިޔަވަހީގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގުމުން އެތަނުން އެއްކާރު މަޑުނުކޮށް ފިލި މައްސަލަ ރޭ 11:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އެކްސިޑެންޓުވުމުން މަޑުނުކޮށް ގޮސްފައިވާ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

އެކްސިޑންޓުގައި ގެއްލުންވި އެއް ކާރު -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
އެކްސިޑެންޓުވި ދެ ކާރުގެ ތެރެއިން އެއް ކާރު ފިލާފައި ވާއިރު، ކާމިލް ދީދީ ޕްރީ ސްކޫލަށް ގެއްލުންވެފައި ވަނީ ކޮން ކާރަކުން ޖެހި ކަމެއް ނޭނގެ އެވެ. އެކްސިޑެންޓުވި އަނެއް ކާރަށް ގެއްލުންތަކެއް ވެފައިވާއިރު، އެ ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެކްސިޑެންޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މިހައިތަނަށް އަނެއް ކާރު ދުއްވަން އިން މީހާ ނުވަތަ އަނެއް ކާރު ފުލުހުންނަށް ހޯދިފައިވާ ކަމެއް އަދި ނޭނގެ އެވެ.













